Last Updated: February 7, 06:30
Friday, February 7, 2025
ޚަބަރު

ގިފިލި ބެލި މީހަކަށް 28،000ރ. ގެ ޖޫރިމަނާއެއް

އަންހެނަކު ފެންވަރަން ހުއްޓައި ގެއެެއްގެ ގިފިލި ބަލައި ވީޑިއޯ ކުރި މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފި އެވެ.

ހއ. ފިއްލަދޫފައި މި ހާދިސާ ހިނގާފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެ ހާދިސާއާ ގުޅިގެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ޖޫރިމަނާކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ. އޭނަގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. އެ މީހާގެ މައްޗަށް އެ ދައުވާކޮށް މާޗް 7، 2021 ވަނަ ދުވަހުގެ ރޭ،ގެ ގެއެއްގައި އެރޭ ރޭގަނޑު 11:30 އެހާކަންހާ އިރު އަންހެން ކުއްޖަކު ފެންވަރަށް ހުއްޓައި ފެންލައިޓުން ބަލައި އަދި އަންހެން ކުއްޖާ ފެންވަރާ މަންޒަރު ފޯނުން ރިކޯޑް ކުރި މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އެ މީހާ ކުށަށް އިއުތިރާފުވި ނަމަވެސް ޝަރީއަތުގައި އޭނާ އެކަމަށް އިންކާރުކޮށްފައިވެ އެވެ.

އޭނަގެ މައްޗަށް މައްސަލަ ސާބިތުވީ ދައުލަތުން ހުށަހެޅި ހެކި ބަހަށް ބިނާކޮށެވެ.

މި މައްސަލައިގެ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ނިންމެވީ 28،800ރ. ރުފިޔާގެ ޖޫރިމަނާއަކަށް އެ ހުކުމް ބަދަލުކޮށްފައެވެ. އަދި ކޮންމެ މަހަކު މަދުވެގެން 4،800ރ. މީރާ އަށް ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.