ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދާ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކަށް އިބްރާހިމް ޝާޒު ހޮވިއްޖެ އެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީ ޝާޒު ކާމިޔާބު ކުރެއްވީ 311 ވޯޓުންނެވެ. މި ޕްރައިމަރީގައި ޝާޒާއެކު އިތުރު ތިން ކެންޑިޑޭޓަކު ވާދަކޮށްފައިވެ އެވެ. މި އިންތިހާބުގައި 590 ފަރާތުން ވޯޓުލާފައިވެ އެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
އެ އިންތިހާބުގައި ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްއެންޕީގެ އިތުރުން އެމްޓީޑީން ވަނީ ވާދަކުރަން ނިންމާފަ އެވެ. ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރައްވާނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ. އެމްއެންޕީގެ ޓިކެޓް ދީފައިވަނީ ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަލީ އާރިފަށެވެ. އެމްޓީޑީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގަ އެވެ.