Last Updated: November 27, 06:09
Wednesday, November 27, 2024
ރިޕޯޓް

ޑްރަގްސް އަށް އެއާޕޯޓްތަކަށް ފުލުހުންގެ ދައުރު!

ރާއްޖޭން މަސްތުވާތަކެތީގެ ވަބާ ނައްތާލައި، މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމުގެ ގޮތުން މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ އެއަޕޯޓުތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރުމަށް ކުރަން ޖެހޭ ތައްޔާރީތައް ކުރަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.

ޙުސައިން ވަޙީދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން އަރައި ގަތުމަށް ގިނަ ގުނަ މަސައްކަތްތަކެއް ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރަމުންދާ އިރު އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ޑިމާންޑް މަދުކުރުން ކަމަށެވެ.

މިއާ އެކު ރާއްޖެ އަށް އެތެރެ ކުރެވޭ މަސްތުވާތަކެތި މަދުކޮށް އެފަދަ ތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމާ އެކު ރަށްރަށަށް ގެންދެވޭ ގެންދިއުން ހުއްޓުވުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ރާއްޖެ އަށް އެތެރެ ކުރެވޭ މަސްތުވާތަކެތީގެ ޢަދަދު މަދުކުރުމަށް ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ފަށައި އެ މަސައްކަތް ކުރިޔަށްގެންދާ އިރު ޑޯގް ސްކޮޑެއް އެކުލަވާލުމުގެ އިތުރުން އަވަށްޓެރި ބައެއް ޤައުމުތަކުގައި ފުލުހުންގެ ލިއޭޒަން އޮފިސަރުން ބޭތިއްބުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރެވެމުންދާކަމުގައި ކޮމިޝަނަރު ވިދާޅުވި އެވެ.

އެގޮތުން މިހާރު މަސައްކަތް ކުރަނީ އެކަމަށް ބޭނުންވާ ޚަރަދުގެ ކަންކަން ހަމަޖެއްސުމުގެ ކަންކަމާއި ގުޅުން ހުރި މަސައްކަތް ކަމަށާއި އެކަން ހަމަޖެހުނުހާ އަވަހަކަށް އަވަށްޓެރި ބައެއް ޤައުމުތަކުގައި ފުލުހުންގެ ލިއޭޒަން އޮފިސަރުން ބައިތިއްބަވާނެ ކަމަށް ޙުސައިން ވަޙީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށަށް އެތެރެ ކުރެވޭ މަސްތުވާތަކެތި އެރަށަކަށް އެތެރެވުމުގެ ކުރިން ހުއްޓުވުމަށްޓަކައި އިންޓެލިޖެންސުން ލިބޭ މަޢުލޫމާތުގެ އެހީގައި އަތޮޅުތަކުގައި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ވެސް މިހާރަށް ވުރެ ހަރުދަނާ ކުރެވެން ހުރި ކަންކަން ބަލައި އެ މަސައްކަތް ކުރަމުންގެންދާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

cp-sITTING1

ކޮމިޝަނަރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންނާއި ޙުކުމް ކުރެވޭ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ހަރުދަނާ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

ހަމައެއާ އެކު ރާއްޖޭގެ ޒުވާންޖީލު މި ނުރައްކަލުން ސަލާމަތް ކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން އިޚްލާޞްތެރި މަސައްކަތެއް ކޮށްގެންނޫނީ މި މަސައްކަތުގެ އެދެވޭ ނަތީޖާއެއް ލިބިގެން ނުދާނެ ކަމަށް ވެސް ޙުސައިން ވަޙީދު ވިދާޅުވި އެވެ.