މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އުންމީދީ ފިލްމުތަކެއް ރިލީޒް ވާނެ އެވެ.
އެގޮތުން މި ފަހަރު މި ބަލާލަނީ ކުރިއަށް ހުރި ބައެއް ފިލްމުތަކަށެވެ.
ކިކް: މިއީ ސަލްމާން ހާނާއި ޖެކޮލިން ފެނާންޑޭޒް ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. ޑައިރެކްޓަރަކީ ކާމިޔާބު ގިނަ ފިލްމްތަކެއް ޕްރޮޑިއުސްކޮށްފައިވާ ސާޖިދު ނަދިއަދްވާލާ އެވެ.
"ކިކް" ފިތުރު އީދާ ދިމާކޮށް ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު، ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ވަނީ މެކުހަށް ޖަހައިފަ އެވެ.
ދައުވަތޭ އިޝްގް: މި ފިލްމަކީ "އިޝަގްޒާދޭ" އާއި "ދޯ ދޫނީ ޗާރް" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ހަބީބް ފައިސަލްގެ ޑައިރެކްޝަނެކެވެ. ލީޑް ރޯލުން ފެނިގެން ދާނީ ޕަރިނީތީ ޗޯޕްޅާ އާއި އަދިތިޔާ ރޯއި ކަޕޫރެވެ.
މި ފިލްމުގެ ޓްރެއިލާ މިހާރު ލޯންޗްކޮށްފައިވާ އިރު، ފިލްމް ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 5 ގަ އެވެ.
ސިންގަމް ރިޓާންސް: މިއީ 2011 ވަނަ އަހަރު ރޯހިތު ޝެޓީ ގެނެސް ދިން ހިޓް ފިލްމް "ސިންގަމް" ގެ ސީކްއެލް އެވެ. ކުރީ ފިލްމާ އެއްގޮތަށް ފިލްމްގެ ޓައިޓްލް ރޯލުން ފެނިގެން ދާނީ އަޖޭ ދޭވްގަން އެވެ.
އެހެން ނަމަވެސް މި ފަހަރު ފިލްމުގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ އޮގަސްޓް 15 ގަ އެވެ.
ހައިދަރު: މިއީ 2009 ވަނަ އަހަރުގެ "ކަމީނޭ" އަށް ފަހު ވިޝާލް ބަރަދްވާޖާއި ޝާހިދު ކަޕޫރު އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ ޝޭކްސްޕެއާގެ "ހެމްލެޓް" ގެ އެޑަޕްޓޭޝަނެކެވެ. ޝާހިދާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ޝްދަރާ ކަޕޫރެވެ. މީގެ އިތުރުން ތާބޫ، ކޭކޭ މެނަން، އިރްފާން ހާން ވެސް ފެނިގެން ދާނެ އެވެ.
"ހައިދަރު" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 2 ގަ އެވެ.
ފައިންޑިން ފެނީ: މިއީ ދީޕިކާ ޕަދްކޯން އާއި އަރުޖުން ކަޕޫރު ލީޑް ރޯލުން ފެނިގެން ދާނެ ވަރަށް ތަފާތު ފިލްމަކަށް ވާނެ އެވެ. އެ ދެ ތަރިންގެ އިތުރުން ޑިމްޕަލް ކަޕާޑިއާ ނަސީރުއްދީން ޝާހް އަދި ޕަންކަޖް ކަޕޫރު މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
ގޯއާގައި މަންޒަރުތައް ނަގާފައިވާ "ފައިންޑިން ފެނީ" އަކީ އިނގިރޭސި ބަހުން ހޯމީ އަދިޖާނިއާ ޑައިރެކްޓް ކުރި ފިލްމެކެވެ. އެއީ "ކޮކްޓެއިލް" ގެ ޑައިރެކްޓަރެވެ.
އެހެން ނަމަވެސް "ފައިންޑިން ފެނީ" ސިނަމާތަކަށް އަންނާނީ ހިންދީ ބަހުން ވެސް ޑަބްކޮށްގެންނެވެ. އެއީ ސެޕްޓެމްބަރު 12 ގަ އެވެ.