އޭނާގެ ވެރިކަމެއްގައި ހުރިހާ ގޭންގުތަކެއް ރޫޅާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޑްރަގާއި ގުޅިފައިވާ ވަރުގަދަ އެއް ކަމަކީ ގޭންގުތައް ކަމަށާއި ކޮންމެ ކަންމައްޗެއްގައި މިހާރު ބޮޑު ގޭންގެއް އޮންނަ ކަމަށެވެ. ގޭންގުތަކުން މީހުންނަށް ބިރު ދައްކާ، މަސްތުވާތަކެތި ވިއްކައި އަދި ކޮންޓްރެކްޓަށް ވަޅި ހެރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ގޭންގަކަށް ނޯވެވޭނެ. ހުރިހާ ގޭންގެއް ރޫޅާލާނަން." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ ޑްރަގް ސިޔާސަތުގައި އޮތީ މައިގަނޑު ހަތަރު ކަމެއް ކުރުން ކަމަށެވެ. އެއީ ޑްރަގް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި، ޑްރަގް އެތެރެކުރާ ބޯޓުފަހަރުތައް ކަނޑު މަތިން ބަޑިޖަހާ ފައްތާލުމާއި، ޑްރަގް ވިއްކާ މީހުން އޭނާގެ ވެރިކަމެއްގައި މިނިވަން ނުވާ ގޮތަށް ޖަލަށްލުން ކަމަށާއި އަދި ފަހު ކަމަކީ ޑްރަގް ބޭނުން ކުރާ މީހާގެ ރިހެބިލިޓޭޝަން 24 ގަޑިއިރުގެ ތެރޭގައި ފެށުން ކަމަށް އުމަރު ވިދާޅުވި އެވެ.
"ހުޅަނގުގެ މޮޑެލްތައް ބޭނުންކޮށްގެން ޑްރަގް ހުއްޓުވުމަށް ކުރި މަސައްކަތްވީ ނާކާމިޔާބު. އެހެންވީމަ ދިވެހިން ދެން ޖެހޭނީ ޑްރަގް ހުއްޓުވުމަށްޓަކާ އިސްލާމީ ޝަރީއާގެ މޮޑެލް އެއްގައި ހިފަން. އަޅުގަނޑު ހިފާނީ އިސްލާމީ ޝަރީއާގެ މޮޑެލް އެއްގައި." އުމަރު ވިދާޅުވި އެވެ.
މީގެއިތުރުން ގޭންގުތަކުގައި އުޅޭ ކުދިން ސްކޫލްތަކުގެ ތެރެއަށް ވަދެ މުޅި ކްލާސްތެރެ އެއްކޮށް ހަލަބޮލިކުރަމުންދާ ކަމަށާއި މިކަން ހުއްޓުވަން ސްކޫލުތަކުގެ ވެރީންނަށް ސްކޫލްތަކުގައި އަހުލާގީ މިންގަނޑު ހިފެހެއްޓުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ބެލެނިވެރީންނަށް ވެސް އެމީހުން ދަރިންގެ އަހުލާގު ބެލެހެއްޓުމަށް ދޭންޖެހޭ ހުރިހާ ބާރެއް އޭނާގެ ވެރިކަމުގައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.