ސާދަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހަކު މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބަހައްޓައިގެން އިތުރު ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.
އެ މައްސަލާގައި މިއަދު ޙުކުމްކޮށްފައި ވަނީ ސ. ފޭދޫ، ކޯޒީކޯނާ، އާދަމް ސަޢީދު (ކޯޒީ)، 46، ގެ މައްޗަށެވެ.
ދަޢުލަތުން އޭނާގެ މައްޗަށް، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ، 2008 ސެޕްޓެމްބަރު 19 ވަނަ ދުވަހު 10:45 ހާއިރު ހެންވޭރު ސަރަހައްދު ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކޯޒީ މަސްތުގެ ޙާލުގައި ހުއްޓައި ފެނިގެން ހެންވޭރު ޕޮލިސް ސްޓޭޝަނަށް ޙާޒިރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ އަތުކުރީ ގަޑީގެ ބިއްލޫރިގަނޑުގައި ތަތްކޮށްފައި ހުއްޓައި މަސްތުވާތަކެތި ފެނިފައިވާ މައްސަލަ އާ ގުޅިގެންނެވެ.
އޭނާގެ މައްޗަށް މިކުށް ސާބިތުވެފައި ވަނީ، އަތުކުރީ ގަޑީގެ ބިއްލޫރި ގަނޑުގައި ތަތްކޮށްފައި ހުރި މަސްތުވާ އެއްޗަކީ އޭނާ ބޭނުންކުރުމަށް ޓަކައި ގެންގުޅުނު މަސްތުވާ އެއްޗެއް ކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ މިކުށަށް އިޢުތިރާފް ވެފައިވާތީ އެވެ.
ކޯޒީ އަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ދައްތަގެ 14 އަހަރުގެ އަންހެން ދަރިއަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިކަން މިދިޔަ އަހަރު ސާބިތުވުމާ ގުޅިގެންނެވެ.