އެކުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސަލްމާން ހާނާއި ކަރީނާ ކަޕޫރު އަނެއްކާ ވެސް އާ ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މި ފަހަރުގެ ފިލްމަކީ ކަބީރު ހާންގެ "ބަޖިރަންގީ ބައިޖާން" އެވެ. މި ފިލްމަކީ 2011 ގައި ރިލީޒްވި "ބޮޑީގާޑް" އަށް ފަހު ސަލްމާނާއި ކަރީނާ އެއް ފިލްމަކުން ފެންނަ ފުރަތަމަ ފިލްމެވެ.
ކަބީރު މީގެ ކުރިން ވަނީ ސަލްމާނާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2012 ގައި ނިކުތް "އެކް ތަ ޓައިގާ" އެވެ.
އެހެން ނަމަވެސް "ބަޖިރަންގީ ބައިޖާން" ވެގެން ދާނީ ކަބީރުގެ ފިލްމެއްގައި ކަރީނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.
ކަބީރު މިހާރު އުޅެނީ މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ "ފެންޓަމް" ގެ މަސައްކަތުގަ އެވެ.
އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ކަރީނާފެ ފިރިމީހާ ސައިފް އަލީ ހާނާއި ކެޓްރީނާ ކެއިފެވެ.
ކެޓްރީނާއަކީ ކަބީރުގެ ގިނަ ފިލްމުތަކުގައި މިހާތަނަށް ބަތަލާގެ ރޯލް އަދާ ކުރަމުން އަންނަ ތަރި އެވެ.
ސަލްމާނާއި ކަރީނާ ލީޑް ރޯލް ކުޅޭ "ބަޖިރަންގީ ބައިޖާން" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
މި ދެ ތަރިން މީގެ ކުރިން އެކުގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ކިއުންކީ"، "މޭ އޯރް މިސިޒް ކަންނާ" ފަދަ ފިލްމުތައް ހިމެނެ އެވެ.