ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ތާރީހީ އާ ފޮތް "ކިއްލާ މާލޭ" ނެރެފި އެވެ.
މި ފޮތް ނެރެފައިވަނީ ރޭ ގައުމީ ޔުނިވާސިޓީގައި ބޭއްވި ހަފްލާއެއްގަ އެވެ. ފޮތް ނެރެދެއްވައި ފުރަތަމަ ވިކުނު ކޮޕީތަކުގައި ނަޝީދު ވަނީ ސޮއިކުރައްވާފަ އެވެ.
އޯޝަން ޕަބްލިޝާސްގެ ތައްގަނޑުގައި ނެރުނު މި ފޮތުގެ ހާޑް ކޮޕީ ވިއްކަމުން އަންނަނީ 300ރ. އަށެވެ.
Killa Male’ book launch at MNU #HappeningNow pic.twitter.com/CU9jUj2u87
— Ocean Publishers (@OceanPublishers) March 20, 2023
މި ފޮތަކީ ފުރަ މާލޭގައި ޒަމާނުއްސުރެ ދިރިއުޅެމުން އައި އާއިލާތަކާއި އެ އާއިލާތަކުގެ މަތިކޮޅާ ގުޅޭ ގޮތުން ނަޝީދު ކުރެއްވި އާ ދިރާސާއެއްގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގައި ކުރީގެ ހާލަތު ދައްކުވައިދޭ ކުރެހުންތަކެއް ވެސް ހުންނާނެ އެވެ.
ނަޝީދު ކުރިން ވެސް ފޮތްތަކެއް ނެރުއްވާފައިވެ އެވެ. އެގޮތުން އެންމެ ފަހުން ނެރުއްވި ފޮތަކީ 2020 ގެ "ދެ ރަދުން" އެވެ. މީގެ އިތުރުން 2018 ގައި އެއްބަސްވެވޭ އިންގިލާބު" އަދި 1996 ގެ "ދަގަނޑު ދަހަނާ" ގެ ނަމުގައި ވެސް ފޮތެއް ނެރުއްވި އެވެ. އަދި 1953 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރެއްވި އެވެ.