Last Updated: November 23, 08:38
Saturday, November 23, 2024
ރިޕޯޓް

ޝުޖާގެ ކެއްކުމުގެ ލޯބި ގޭތެރެއިން

ރާއްޖޭގައި މިހާރު ޒުވާން ޝެފުން ގިނަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ތެރެއިން ކެއްކުމުގެ ތެރެއަށް ވަންނަ މީހުން އަންނަނީ ގިނަވަމުންނެވެ. ދެ ޖިންސަށް ބެލިޔަސް ދިވެހިން ޝެފުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެ އެވެ. އެގޮތުން މި ފަހަރު މިއޮތީ ޒުވާން ފިރިހެން ޝެފެއްގެ ވާހަކަ އެވެ.

މިއީ އައްޑޫ ހިތަދު އަށް އުފަން މުހައްމަދު ޝުޖާއުގެ ވާހަކަ އެވެ. މަންމަ އާއި މާމަގެ ފަރާތުން ކެއްކުމުގެ ވައްޓަފާޅީގެ ތެރެއިން ކެއްކުމަށް ލޯބި ޖެހުނު ޝުޖާ އަކީ މިހާރު ކްރޮސް ރޯޑްސްގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ "ކަޅު އޮޑި މޯލްޑިވިއަން ރެސްޓޯރަންޓް" ގެ ޝެފް ޑި ކުއިޒީން އެވެ.

މި ހިސާބުން ޝުޖާގެ ކެއްކުމުގެ އަހަރުގެ ތަޖުރިބާގެ ތެރެއަށް ފީނައިލަމާ ހިނގާށެވެ.

* ކަލިނަރީ ދާއިރާ އިން ޝެފެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުންވ ކީއްވެ؟

ވަރަށް ކުޑައިރުއްސުރެ ވެސް ކެއްކުމުގައި މަންމަ އާއި މާމަ އަށް އެހީވަން. އެ މީހުން ކައްކާ ތަން ފެނި އެކަމަށް ވަރަށް ބޮޑަށް ލޯބި ޖެހިފައި ހުރީ. އެހެންވެ އަބަދު ވެސް ހިތުގައި އޮވޭ ޝެފަކަށޭ ވާނީ. މިކަމުގެ ތެރެއަށް ވަންނަން މަގުފަހިވީ ދެހާސް އެކެއްގައި ފޯ ސީޒަންސްގެ އެޕްރެންޓިސް ޕްރޮގްރާމް ފުރުސަތު ލިބުނު ހިސާބުން.

ދެން އޭގެ ތެރެއިން އެފްއެންޑްބީ ދާއިރާ ހިޔާރުކުރީ މިއީ ވަރަށް ބޮޑަށް ކުރިއަށް ދެވިދާނެ ދާއިރާއެއްކަން ގަބޫލުކުރެވިގެން. އަހަރެން މިކަމުގެ ތެރެއަށް ނުކުތް ދުވަސްވަރަށް ބަލާ ކަމަށް ވަންޏާ ފުދޭ ވަރަށް ދިވެހި ޝެފުން މަދު ވެސް މެ.

* ކެއްކުމުގެ ހުނަރު ދަސްވީ ކިހިނެއް؟

ފެށުމަކީ ހަމަ ކުރިން ބުނިހެން މަންމަ އާއި މާމަގެ ފަރާތުން ދަސްވި އެއްޗެހި. ހާއްސަކޮށް މަންމަގެ ފަރާތުން ވަރަށް ބޮޑަށް ދަސްވި އަސާރަ އެޅުން ފަދަ ކަންކަން. އެހެންވެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރޭގައި، ގޭތެރެއިން ދަސްވި ހުނަރުތަކުގެ ބޭނުން ހިފަން ވެސް ފުރުސަތު ލިބުނު.

ޓްރެއިނިންގެ ތެރެއިން ބޭރުގެ ބައެއް ގައުމުތަކުން ވެސް އެތައް ކަމެއް ދަސްވި. އެގޮތުން ޖަޕާނާއި ފްރާންސާއި އަދި ސްވިޑްނަ ފަދަ ގައުމުތަކުގެ ތިއަރީ އަދި ޕްރެޓިކަލް ކްލާސްތަކެއްގެ ފުރުސަތު ލިބުނު. ވަކިން ހާއްސަކޮށް ޖަޕާންގެ ކެއްކުންތަކީ އަހަރެންގެ ވަރަށް ހާއްސަ ހުނަރެއް. އެގޮތުން ފޯ ސީޒަންސްގެ ޝަރުމުއް ޝޭހްގެ ޖަޕަނީސް ރެސްޓޯރަންޓްގައި މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވަރަށް ގިނަ އެއްޗެހި ދަސްވި ތަޖުރިބާއެއް.

ފޯޒަންސްގެ ލަނޑާގިރާވަރުގެ އިތުރުން އަހަރެން ކުރިން މަސައްކަތް ކުރިން މައިނާ އިންޓަނޭޝަނަލް ހޮޓެލްސްގައި ވެސް. މިއިން ކޮންމެ ތަނަކުން ވެސް ވަރަށް ގިނަ ހުނަރުތައް ދަސްވި.

* ކެއްކުމުގެ ދާއިރާ އިން ކުރިއަށް ދިއުމުގެ އެންމެ ބޮޑު ނުފޫޒަކީ ކޮބާ؟

ހަމަ މަންމައޭ ބުނެވޭނީ. މަންމަ އަކީ ހަގީގަތުގައި ވެސް ވަރަށް މޮޅު ކެއްކުންތެރިއެއް. އެހެންވެ ވަކިން ހާއްސަކޮށް ދިވެހި ކެއުންތައް ތައްޔާރުކުރުމުގެ ވަރަށް ގިނަ ޓެކްނިކްސްތައް މަންމަގެ ފަރާތުން ދަސްވި. އަދި އަހަރެން ކެއްކުމުގެ ދާއިރާ އިން ކުރިއަށް ދިއުމާއި މިއަދު އާދެވިފައި ހުރި ހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް މަންމަ.

* ޝެފެއްގެ ގޮތުގައި އެންމެ އުފާވާ ކަމަކީ ކޮބާ؟

ކަސްޓަމާ ސެޓިސްފެކްޝަން. ކެއުމަކަށް އިންސާފުކޮށްފައި ކަސްޓަމަރުންގެ މޫނުމަތިން އެ ފެންނަ އުފާވެރިކަމާއި އެ މީހުންގެ ފަރާތުން ލިބޭ ރަނގަޅު ކޮމެންޓްތަކަކީ އެންމެ ބޮޑު ހިތްހަމަޖެހުން. އަދި ޖަޕަނީސް ކުއިޒީންތަކަށް އެންމެ ގަޔާވާ ސަބަބަކީ އެއީ ސީދާ ކަސްޓަމަރުންނާ ޑައިރެކްޓްކޮށް ކޮންޓްކެޓް ކުރެވޭ ގޮތަށް ކުރެވޭ ކަމަކަށްވާތީ.

* ޝުޖާ ގަބޫލުކުރާ ގޮތުގައި މޮޅު ޝެފަކަށްވެވޭނީ ޝެފެއްގެ ކިބައިގައި ކޮން ކަހަލަ ހުނަރުތަކެއް ހުރެގެން؟

އަބަދު ވެސް އާ ކަންކަން ދަސްކޮށް، ކެއުންތަކުގެ ކޮލިޓީ ރަނގަޅުކުރަން ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭނެ. ދެން މިކަމުގައި ސާބިތުވެ ދެމިހުރެ، ހުނަރުތ ތަރައްގީ ކުރަން މަސައްކަތް ކުރުމާއި އަބަދު ވެސް ހިނިތުންވުމާއި އުފާވެރިކަމާ އެކީ މަސައްކަތާ ކުރިމަތިލުން ފަދަ ކަންކަން ޝެފަކަށް ވަރަށް މުހިއްމު ވާނެ.

ޝެފަކަށް ވަރަށް މުހިއްމު ކަމެއް ކޮމިއުނިކޭޝަނަކީ. އެހެންވީމަ އެކީގައި މަސައްކަތްކުރާ މީހުންނާ އޮންނަ ގުޅުމަކީ. ހަމަމިއާ އެކީ ތިމާ އަށް އެނގިފައި ހުރި އެއްޗެއް އެހެން މީހުންނަށް ދަސްކޮށް ދިނުމަކީ ވެސް ޝެފަކަށް ވަރަށް މުހިއްމު ސިފައެއް.

* ޝެފެއްގެ ހައިސިއްޔަތުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟

ބޭނުންވާ ސާމާނާއި ޖާގައިގެ ދަތިކަން. ކަސްޓަމަރުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް ހިދުމަތްދޭން އެއީ ވަރަށް މުހިއްމު ދެ ކަންތައް.

* މިހާތަނަށް ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކީ ކޮބާ؟

ވަރަށް ގިނަ ގައުމުތަކުން ޓްރެއިނިން އާއި ތަޖުރިބާ ހޯދަން ފުރުސަތު ލިބުމަކީ ނަސީބެއް ކަމަށް އަޅުގަނޑު ދެކެނީ. އޭގެ ސަބަބުން މެނޫ މުއްސަނދިކުރަން ދަސްވޭ. ދެން 2005 ގައި ތައިލޭންޑްގައި އޮތް ވޯލްޑް ގޯމޭ ފެސްޓިވަލްގައި ބޭރުގެ ވިއްސަކަށް ޝެފުންނަށް އެހީވާން ލިބުމަކީ ވެސް ކާމިޔާބީއެއް.

އަދި އެންމެ ފަހުވެރިވާ އެއް ކަމަކީ ދެ ފަހަރެއްގެ މަތިން އަނަންތަރާގެ ލީޑަ އޮފް ދި ޔިއާގެ މަގާމަށް ނޮމިނޭޓްވީމަ.

* ޝުޖާ، ހުސް ވަގުތު ހޭދަކުރަނީ ކިހިނެއް؟

މިސާލަކަށް ޓޭބަލްް ފުޓްބޯޅަ ކުޅުމާއި ފަރުމަހަށް ދިއުން ފަދަ ކަންކަމަކީ ހުސް ވަގުތު ކޮށްލާ ކަންކަން. ދެން އޮފް ދުވަހެއް ނަމަ އާއިލާއާ އެކީ ވެސް ވަގުތު ހޭދަކުރަން.

* މީގެ ފަސް އަހަރު ފަހުން ޝުޖާ ހުންނަން ބޭނުންވާ ހިސާބަކީ ކޮބާ؟

އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މަޝްހޫރު ރިސޯޓެއްގެ އެގްޒެކެޓިވް ޝެފަކަށްވެ، އެތަނުގައި ދިވެހި ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓް ފްރެންޗައިޒެއް އުފައްދައި ކުރިއަށް އޮތް ތަނުގައި އަލަށް ހުޅުވާ ރިސޯޓްތަކަށް އެ ފްރެންޗައިޒް ގެންދިއުން. ދެން ކައްކަން ލޯބިކުރާ މީހުންނަށް ޕްރޮފެޝަނަލް ކުކިން ސްކޫލެއް ހެދުމަކީ ވެސް ކުރަން ބޭނުންވާ ކަމެއް.

* ޝެފުންނަށް ވާން ބޭނުންވާ މީހުންނަށް އޮތް ނަސޭހަތަކީ ކޮބާ؟

މިއީ އަަސްލު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މަސައްކަތެއް. އަދި މިއީ މީހުން ދެކޭހާ އުނދަގޫ ކަމެއް ވެސް ނޫނޭ. ޕޮޒިޓިވް ވިސްނުމަކާ އެކީ ކުރިއަށްދާ ވިސްނައިފި ނަމަ ކެއްކުމުގެ ދާއިރާ އިން ކުރިއަށް ދާން ފަސޭހަ ވާނެ. ބޭނުން ވަނީ ކަސްޓަމަރުން އުފާވާ ކަހަލަ ކެއުންތައް ތައްޔާރުކޮށް ދެވޭ ކަހަލަ ހުނަރުތައް ދަސްކުރުން.

ނޯޓް: މިއީ ހޮޓެލިއާ މޯލްޑިވްސް އަށް ޝުޖާ ދިން އިންޓަވިއުއެއްގެ ހުލާސާއެކެވެ.