Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ނަޝީދު ކުރަނީ ޑީއާރްޕީ "ފުނޑާލަން" މައުމޫން ކުރި މަސައްކަތް

މެންބަރު އިބްރާހިމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ކުރައްވާ މަސައްކަތަކީ ޑީއާރްޕީ "ފުނޑާލުމަށް" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ފާޑުވިދާޅުވެ ކުރައްވާފައިވާ ޓްވީޓްތަކެއްގައި ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ، ޑީއާރްޕީ ފުނޑާލަން ރައީސް މައުމޫން ކުރެއްވި މަސައްކަތާ ވަރަށް އެއްގޮތަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދު އަދި ފިކުރެއްގެދިރުން މަސައްކަތް ކުރަނީ އެމްޑީޕީއަށް ރަނގަޅުގޮތެއް ހޯދައިދޭން ނޫން ކަމަށެވެ. އަދި ބަލަމުންދަނީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލެވޭނެގޮތެއް ފެނޭތޯކަމަށްވެސް ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިގެން ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ އެމްޑީޕީއަށް ދެރަދޭން ކުރައްވާ މަސައްކަތެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކޮށް ރައީސް ނަޝީދު ކުރައްވާ މަސައްކަތުން އެނގެނީ ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރައްވާ ބޭފުޅެއް ނޫންކަން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ފަރާތުން ޖުމްހޫރީ ޕާޓީއާ ބައްދަލުކޮށް ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް ނިންމާފައިވަނިކޮށެވެ. ޖޭޕީ އަދި ރައީސް ނަޝީދުގެ ފަރާތުން ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ސޯލިހްއާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ.