Last Updated: February 15, 13:53
Saturday, February 15, 2025
ޚަބަރު

ނަމާދަށް އަރާވަގުތު ވެހިކަލްތަކުގައި ސްޓިކާ ޖަހާތީ ނުރުހުން

ނަމާދަށް މިސްކިތަށް އަރާވަގުތު ވެހިކަލްތަކުގައި ސްޓިކާ ޖަހާތީ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތް ގަޑީގައި، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ހާއްސަކޮށް ރޯދަ މަހު އެގޮތަށް އެކަން ނުކުރެއްވުމަށް މުއިއްޒު އިލްތިމާސް ކުރައްވާފައިވެއެވެ.

މިފަހަކުން މާލެތެރޭގެ ޓްރެފިކް ފްލޯ ހަމައަކަށް އެޅުވުމަށްކަމަށް ބުނެ ފުލުހުން ސްޓިކާ ޖެހުން އިތުރުކުރުމުން އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވިއެވެ.

ފުލުހުން އަންނަނީ ރޯދަ މަހަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަން ފުލުހުން ހާމަކޮށްފައިވެއެވެ.