އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި ކައުންސިލަރު ހާޓް އެޓޭކެއް ޖެހި އަވަހާރަވުމާ ގުޅިގެން، އެ ދާއިރާގެ ގޮނޑި ހުސްވެފައިވާތީ އަލުން މެމްބަރަކު އިންތިހާބު ކުރަން ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އަދި ނިންމާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފޭދޫ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) މި މަހުގެ އަށް ވަނަ ދުވަހު އަވަހާރިވި ނަމަވެސް އޭނާގެ މަރު ފޯމާއި އޭނާ އާ ބެހޭ ލިއުންތައް އަދި ކައުންސިލުން އިލެކްޝަނަށް ފޮނުވާފައި ނުވާ ކަމަށެވެ.
އެހެންވެ އަސްވާނާ ބެހޭ ލިއުންތައް ކޮމިޝަނަށް ލިބުނުހާ އަވަހަކަށް، އައްޑޫ ސިޓީ ކައުންސިލްެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ އަތޯގެ މަރު ފޯމްގެ ކޮޕީއެއް އިލެކްޝަނަށް ކުރިން ފޮނުވި ކަމަށެވެ.
"އެހެން ނަމަވެސް މަރު ފޯމްގެ އަސްލު އިލެކްޝަނުން ބޭނުންވާތީ މިއަދު އަޅުގަނޑުމެން ވާނީ އެ ފޮނުވާފައި،" މޭޔަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް ބައި އިލެކްޝަން ބޭއްވި ފޭދޫ ދާއިރާގެ ކައުންސިލް ގޮނޑި އަށް މެމްބަރަކު އިންތިހާބުވުން."
ހަ މެމްބަރުން ތިއްބަވާ އައްޑޫ ސިޓީ ކައުންސިލްގައި މުޅިން ވެސް ތިއްބަވަނީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.
ފޭދޫ ދާއިރާ ގޮނޑި ހުސްވެފައިވާތީ އެމްޑީޕީ އާއި ޕީޕީއެމުން ވަނީ އެ ގޮނޑި އަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.