"ލޭ ހަދިޔާ ކުރުމަކީ ހާދަހާ ހިތްހަމަޖެހުން ލިބޭ ކަމެކޭ." ލޭ ހަދިޔާކުރަން ފެށުނު ގޮތާ ބެހޭ ގޮތުން އިބްރާހީމް ސަބްރީ ބުންޏެވެ.
އައްޑޫ އަށް ހިތަދު އަށް ނިސްބަތްބާ ސޮބްރީ އަކީ ކުރުކޮށް ބުނަންޏާ އެތައް ބައެއްގެ "ލައިފްލައިން" އެވެ. އައްޑޫން ލޭ ހޯދަން އުޅޭ މީކަހަށް އެކަން އެންމެ ފަސޭހަ އިން ކުރެވޭ ގޮތަކީ ސޮބްރީގެ އެހީ ހޯދުމެވެ. އަމިއްލަ އަށް ލޭ ހަދިޔާކުރުމުގެ އިތުރަށް ސަބްރީގެ "ނެޓްވޯކް" އާއި ޑޭޓާބޭސް" ގެ ތެރޭގައި ލޭ ހަދިޔާކުރާ ކޮމިއުނިޓީއެއް އެބައޮތެވެ.
އެހެންވެ ލޭ ހޯދަން އައްޑޫގައި އޮތް އެންމެ ކުރު އެންމެ ފަސޭހަ މަގަކަށް ވާނީ ސޮބްރީއާ ގުޅޭ ގޮތެއް ހޯދުމެވެ. އޭނަ ހުރީ އެ މަސައްކަތަށް އާދަވެ ފަރިތަވެފަ އެވެ. އިންސާނިއްޔަތަށްޓަކައި އަމިއްލަ އަށް ސަބްރީ ލޭ ހަދިޔާކުރާތާ ވެސް މި އަހަރަށް 31 އަހަރުވީ އެވެ. އޭ ޕޮޒިޓިވް ލޭ ހުންނަ ސޮބްރީ މިހާތަނަށް އޭނަ 90 ފަހަރަށް ލޭ ދީފި އެވެ. އަދި ސޮބްރީގެ ނެޓްވޯކްގެ ތެރެއިން މިހާތަނަށް އެތައް ބަޔަކަށް ލޭ ހޯދައި ވެސް ދީފި އެވެ.
ފޫހި ކަމެއް ނެތި އޭނަ އަދިވެސް ހުރީ އެ ހިދުމަތުގަ އެވެ. ސޮބްރީ ހުރީ ދުޅަހެޔޮ ސިއްހަތެއްގައި ހުރިހާ ހިނދަކު ލޭ ހަދިޔާކުރަން އަޒުމް ކަނޑައަޅައިގެންނެވެ. އޭނަ ދެކެނީ މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ކަމެއްގެ ގޮތުގަ އެވެ.
"އެންމެ ފަހުން ލޭ ހަދިޔާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި. އެއީ ލޭ ހަދިޔާކުރި ނުވަދިހަ ވަނަ ފަހަރު،" އިއްޔެ "އައްޑޫ ލައިވް" އަށް ދިން އިންޓަވިއުއެއްގައި ސޮބްރީ ބުންޏެވެ. "މިހާރު އަނެއްކާ ވެސް މި ހުރީ ލޭ ހަދިޔާކުރަން ރެޑީ އަށް."
މިހާރު އަމިއްލަ ވިޔަފާރީގެ ތެރޭގައި ވަރަށް ބުރަކޮށް އުޅެމުން އަންނަ ސޮބްރީ ކިޔައިދިން ގޮތުގައި ލޭ ހަދިޔާ ކުރަން ފެށުނީ ރައްޓެއްސަކަށް ލޭ ހަދިޔާކުރަން ޖެހުނު ހިސާބުންނެވެ.
"އޭރު މަރަދޫގެ ރައްޓެއްސަކަށް ލޭ ހަދިޔާކުރަން ބުނީމަ ވަރަށް ބިރުން ހުރީ. ދެން އެ ފަހަރު ކަންތައް ދިމާވި ގޮތުން އަހަންނަށް ލޭ ހަދިޔާ ކުރަން ނުޖެހި އެހެން މީހަކު އޭނަ އަށް ލޭ ދިނީ." ނަމަވެސް ފަހުން އެ އެކުވެރިޔާ އަށް ލޭ ހަދިޔާކުރަން ފެށުނުކަން ފާހަގަކޮށް ސޮބްރީ ބުންޏެވެ.
އޭނަ އެންމެ ފުރަތަމަ ލޭ ހަދިޔާކުރީ އައްޑު 1992 ގައި އަށް ވިހަން އައި ހުވަދު އަތޮޅު ރަށެއްގެ މީހަކަށެވެ. އެ ހިސާބުން ސޮބްރީގެ ލޭ ހަދިޔާ ކުރުމުގެ ދަތުރު ފެށުނީ އެވެ.
"އޭގެ ފަހުން ބިރު ވެސް ކެނޑި ދެތިން ފަހަރަކު ލޭ ހަދިޔާކުރީމަ މިކަމަށް ވަރަށް ބޮޑަށް ހިތްޖެހިއްޖެ. އަދި މިކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވި ލޭ ހަދިޔާ ކުރަން އެހެން މީހުންނަށް ހިތްވަރު ވެސް ދޭން ފެށުނު." ސޮބްރީ ބުންޏެވެ.
އޭނަ ކިޔައިދިން ގޮތުގައި ލޭ ހަދިޔާ ކުރުމަކީ އަމިއްލަ ނަފުސަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރި ކަމެއް ލިބޭ ކަމެކެވެ.
"ލޭ ހަދިޔާކުރާ ދުވަހަކީ އަމިއްލަ ނަފުސު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ތެރޭގައި އުޅެވޭ ދުވަހެއް. އެކަމުން ލިއްބައިދޭ އިހުސާސްތައް ވަރަށް ތަފާތު،" ސޮބްރީ ބުންޏެވެ. "އެންމެ ހިތްހަމަޖެހޭ ކަމަކީ މިއީ މީހެއްގެ ފުރާނައަށްޓަކައި ކޮށްދެވޭ ކަމަކަށްވާތީ. އެހެންވެ އިންސާނިއްޔަތަކަށްޓަކައި ލޭ ހަދިޔާ ކުރުމަށް ވުރެ ބޮޑު އުފަލެއް އަހަންނަކަށް ނެތް."
އޭނަ ބުނި ގޮތުގައި މިހާރު ކަންބޮޑުވާ ކަމަކީ ލޭ ހަދިޔާކުރާ މީހުން މަދުވުމެވެ. އަދި ލޭ ދޭން ގާތްގަނޑަކަށް އެއް ބަޔަކު ތިބުމެވެ. އެހެންވެ އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަށް އެކިއެކި ސިއްހީ ސަބަބުތަކާ ހެދި ލޭ ނުދެވޭ ފަދަ ހާލަތްތައް ވެސް ކުރިމަތިވެފައިވެ އެވެ.
"އެބަޖެހޭ މިކަން ކުރަން މީހުންނަށް ހިތްވަރުދީ ހޭލުންތެރިކަން އުފައްދަން ވެސް. އެކަމެއް މިހާރަކު ނެތް. އެކަމަކު ކުރިން އައްޑޫ ޕަބްލިކް ހެލްތުން ލޭ ހަދިޔާކުރަން ހޭލުންތެރިކަން އުފައްދަން ވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގި،" ލޭ ދޭ މީހުން މަދުވުމުގެ ކަންބޮޑުވުންތަކާ އެކީ ސޮބްރީ ބުންޏެވެ. "އެބަޖެހޭ މިހާރު މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިކަން އުފައްދަން."
އޭނަ ބުނީ ލޭ ހަދިޔާ ކުރަން ފަސްޖެހެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އަމިއްލަ ތަޖުރިބާ އަށް ބަލާ އިރު، ލޭ ހަދިޔާކޮށްގެން މިހާތަނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާވެފައި ނެތް ކަމަށް ވެސް ބުންޏެވެ.
"އެހެންވެ ބިރު ކަނޑާލާފައި ލޭ ހަދިޔާކުރަން ފަށަންވީ. އޭރުން މިކަމަށް ލޯބި ޖެހޭނެ. ލޭ ހަދިޔާކޮށްގެން ލިބޭނެ އެއްވެސް ގެއްލުމެއް ނެތް،" ސޮބްރީ ބުންޏެވެ. "މިއީ މީހެއްގެ ފުރާނަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ހިދުމަތެއް."
ސޮބްރީ ބުނި ގޮތުގައި ލޭ ބޭނުންވެގެން އޭނަގެ އެހީ އަށް އެދުނު އެއްވެސް މީހަކަށް މިހާތަނަށް އެކަން ނުވެފައި ނޯންނާނެ އެވެ.
"ދުވަހަކު ވެސް ލޭ ހޯދަން އަހަންނަށް ގުޅި މީހަކަށް ނޯ ބުނެފައި ނޯންނާނެ. އެ ހެޔޮ ކޮންމެ ފަދަ ވަގުތަކު ގުޅިޔަސް." އޭނަ ބުންޏެވެ.