Last Updated: April 22, 06:16
Tuesday, April 22, 2025
ރިޕޯޓް

މުރަކަ އާލާ ކުރުން؛ އިގުތިސާދަށް މަންފާވާ ގޮތަށް

ވެން އޫޑުން އައްޑޫގައި މުރަކަ އާލާ ކުރމުގެ ތެރެއިން / ފޮޓޯ: ވެން އޫޑް

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މުރަކަ އާލާ ކުރުމުގެ މަޝްރޫޢޫ އަންނަ އެޕްރީލް މަހުގެ ނިޔަލަށް ނިންމާލޭނެ ކަމަށް މަޝްރޫޢު ހިންގަމުންދާ ވެން އޫޑް ކުންފުނިން ހާމަކޮށްފިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްޜޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މިމަސައްކަތަކީ، އައްޑޫގެ ބިން ހިއްކާ ސަރަހައްދުތަކުގައި ހުރި މުރަކަ މަޝްރޫޢޫގެ ސަބަބުން އަސަރު ނުކުރާނެ ސަރަހައްދަކަށް ގެންގޮސް އާލާ ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދެވޭ މިފަދަ އެންމެ ބޮޑު އެއް މަޝްރުޢޫ ކަމަށް އެ މަޝްރޫޢު ކުރިއަށް ގެންދާ ވެން އޫޑު ކުންފުނިން މައުލޫމާތު ދެއެވެ.

ވެން އޫޑުން އައްޑޫގައި މުރަކަ އާލާ ކުރމުގެ ތެރެއިން / ފޮޓޯ: ވެން އޫޑް
ބިން ހިއްކުމުގެ މަޝްރޫޢު ފެށުމުގެ ކުރިން ތިމާވެށީގެ ހާލަތުގެ ދެނެގަނެވުނު

މިމަޝްރުޢޫގެ އަމަލީ މަސައްކަތް ފެށުމުގެ ކުރީންވެސް، އައްޑޫގެ ނާޒުކު ތިމާވެށީގެ ހާލަތު ބެލުމަށް މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު ޖުލައި މަހު އިކޮލޮޖިކަލް ސާވޭއެއް ވަނީ ކޮށްފައެވެ. އަދި މި ސާވޭގެ ނަތީޖާ އީޕީއޭއަށް ހުށަހަޅާ ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ކުރީން ކޮރަލް ރީލޮކޭޝަން މަސައްކަތް ވަނީ ފަށާފައެވެ.

މިސާވޭގެ ތެރެއިން އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ފަރުމަތި ވަރަށް ރަނގަޅަށް ހުރިއިރު ބައެއް ސަރަހައްދުތަކުން ކޮރަލް ބްލީޗިންގެ އަސަރުވެސް ފެންނަން ހުރި ކަމަށް ވެން އޫޑް ކުންފުނިން ބުނެއެވެ.

މިމަޝްރޫޢުއާއި ގުޅޭ މައުލޫމާތު އައްޑޫލައިވްއާއި ހިއްސާކުރަމުން، ވެން އޫޑް ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޖޮފްރީ ކެރީ ވިދާޅުވީ، ފުރަތަމަ ކުރި ސާވޭއިން އައްޑޫގެ ފަޅުތެރޭގައި ހުރި މުރަކައިގެ ބާވަތްތައް ދެނެގަނެވުނު ކަމަށެވެ.

ވެން އޫޑުގެ ޕްރޮޖެކްޓް މެނޭޖަރ ޖޮފްރީ / ފޮޓޯ: އައްޑޫލައިވް

" އަޅުގަނޑުމެން ފުރަތަމަ ސާވޭކޮށް ބެލީ އައްޑޫގެ ހުރި މުރަކައިގެ ބާވަތްތައް. އޭގެ ފަހުން އަޅުގަނޑުމެން އައްޑޫގެ ފަޅުން މުރަކަ އަލާކުރާނެ ސަރަހައްދުތައް ބެލުމަށް ސާވޭ ކުރީ. އޭގެ ފަހުން އާލާ ކުރުމުގެ މަސައްކަތް ފެށީ " ޖޮފްރީ ވިދާޅުވއެވެ.

މިމަސައްކަތް ކުރުމަށް އީޕީއޭއަށް ހުށަހެޅި ރިޕޯޓްތަކަށް ފަހު އީޕީއޭއިން ވަނީ މަދުވެގެން ދެ ހެކްޓަރުގައި މުރަކަ އާލާ ކުރުމުގެ މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް މިހާރު ކުރެވޭ މަސައްކަތުގެ ދަށުން އެކި ބާވަތްތަކުން 70،000 މުރަކަ ކޮލޮނީ އާލާ ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެން އޫޑް އިން ބުނެއެވެ.

މީގެ އިތުރުން މުރަކަ އާލާ ކުރާ ސަރަހައްދުތައް ނުވަތަ ރެސިޕިއެންޓް ސައިޓް ކަނޑައަޅަނީ، ބިން ހިއްކާ ހިސާބައި ވަކި ދުރުމިނެއްގައެވެ. އަދި އެކި މޮޑެލްތައް ބޭނުންކޮށްގެން ބިން ހިއްކުމުގެ ސަބަބުން ކިސަޑުގަނޑު ދަތުރުކުރާނެ ގޮތްވެސް ބެލިފައިވާ ކަމަށް ވެން އޫޑުން ހާމަކުރެއެވެ.

ވެން އޫޑުން އައްޑޫގައި މުރަކަ އާލާ ކުރމުގެ ތެރެއިން / ފޮޓޯ: ވެން އޫޑް
މުރަކަ އާލާ ކުރަނީ އިޤްތިޞާދީ މަންފާއަށްވެސް ވިސްނައިގެން

އައްޑޫގެ މުރަކަތައް އާލާ ކުރަނީ ތިން ގިންތިއަކަށް މުރަކަ ބަހައިގެންނެވެ. އެއީ ފްރެޖައިލް، މެސިވް، އަދި ސަބް މެސިވް އެވެ. މި ގިންތި ތަކުގެ ތެރެއިން ފްރެޖައިލް ނުވަތަ ގެންގުޅެވޭ ގޮތަކުން ހަލާކުވާ ޒާތުގެ މުރަކަތައް އާލާ ކުރަނީ ފްރޭމްތަކެއްގައި އިންދައިގެންނެވެ. އެއީ އެމުރަކަ އަމިއްލަ ޒާތުގައި ހެދި ބޮޑުނުވާނެ ބާވައްތަކަށް ވާތީ އެވެ. މެސިވް ކެޓެގަރީގެ ބައެއް މުރަކަ ރެސިޕިއެންޓް ސައިޓުގައި ފަރުމަތީ އެކި އުކުޅުތައް ބޭނުންކޮށްގެން އިންދާނީއެވެ. އަދި އެންމެ ބޮޑެތި މުރަކައިގެ ބަވާތްތައް އަމިއްލަ ޒާތުގައި އެހެން ސަރަހައްދެއްގައި ވެސް ހެދި ބޮޑުވުމަށް ފުރުސަތު އޮވެއެވެ.

ވެން އޫޑު ކުންފުނީގެ އެންވައިރޮމެންޓަލް އިންޖިނިއަރ، އަފީފާ ވިދާޅުވާ ގޮތުގައި މިގޮތަށް މުރަކަތައް ގިންތި ކުރާއިރުވެސް އެއް ސަރަހައްދަކުން ނަގާ މުރަކަތަކުން ހުރިހާ ބާވަތެއް ވަކި މިންވަރަކަށް އެހެން ސަރަހައްދެއްގައި އާލާ މަސައްކަތް ކުރެވެއެވެ. މިގޮތަށް ހަދަނީ ހުރިހާ ބާވަތެއްގެ މުރަކަވެސް ނިސްބަތުން އަލާ ކުރުމުގެ މަޤްސަދުގައި ކަމަށް އޭނާ ވިދާޅުވެއެވެ.

ވެން އޫޑުގެ އެންވައިރޮމެންޓް އިންޖިނިއަރ އަފީފާ / ފޮޓޯ: އައްޑޫލައިވް

" އަޅުގަނޑުމެން މުރަކަތައް މަލެއްގެ ސިފައިގައި ނުވަތަ ޑައިމަންޑެއްގެ ސިފައިގައި އެބަ އަތުރަން. " އަފީފާ ވިދާޅުވެއެވެ. " މީގެ ސަބަބުން މީހުންނަށް އެސަރަހައްދުތަކަށް ގޮސް ބަލައި، އިޤްތިޞާދީ، އިޖްތިމާޢީ ފައިދާ ލިބޭނެ. އަދި ސްކޫލު ކުދިންނަށްވެސް ކިޔެވުމުގެ ބޭނުމަށް ޒިޔާރަތް ކުރެވޭނެ. " އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ސަރަހައްދުތަކުގެ ބޭރުން މުރަކަ އާލާ ކުރާއިރު ސްނޯކްލިންގް ޓްރެއިލްއެއް ގޮތަށް ފްރޭމްތައް ބަހައްޓަމުން ގެންދެއެވެ. މީގެ ސަބަބުން ސްނޯކްލިން އަދި ފަތުރުވެރިކަމަށް މި ސަރަހައްދުތައް ބޭނުން ކުރެވޭނެ ކަމަށް ވެން އޫޑް ކުންފުނިން ބުނެއެވެ.

ވެން އޫޑުން އައްޑޫގައި މުރަކަ އާލާ ކުރމުގެ ތެރެއިން / ފޮޓޯ: ވެން އޫޑް
މަޝްރޫޢޫ ނިންމާލާފައި ވާނެ އެއްޗެއް ވާން ދޫނުކުރޭ

ވެން އޫޑު ކުންފުނިން މި މަސައްކަތް އެއްކޮށް އެޕްރީލް މަހަަށް ނިންމާލާނެއެވެ. ނަމަވެސް އޭގެ ފަހުންވެސް މަސައްކަތް މުރަކަ އާލާ ކުރާ ސަރަހައްދަތަށް މޮނީޓަރކޮށް އަންނަ ބަދަލުތައް ބަލަމުން ގެންދާނެއެވެ. އެގޮތުން ފުރަތަމަ މަސައްކަތް ނިމުމަށް ފަހު 2 ހަފްތާ ފަހުން ފުރަތަމަ މޮނީޓަރިން ކުރިއަށް ގެންދާނެއެވެ. އޭގެ ފަހުން 3 މަސް ދުވަހުން އެކަތި އަދި 6 މަސް ދުވަހުން ކުރިއަށް މޮނީޓަރ ކުރާނެއެވެ. މިގޮތަށް ގޮސް މަސައްކަތް ނިމި 2 އަހަރު ދުވަސް ވަންދެން އެ ސަރަހައްދުތައް އެކުންފުނީގެ ފަރާތުން މޮނީޓަރ ކޮށް ކުރާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ވެން އޫޑުން އައްޑޫގައި މުރަކަ އާލާ ކުރމުގެ ތެރެއިން / ފޮޓޯ: ވެން އޫޑް

ވެން އޫޑް ކުންފުނީގެ މައިގަނޑު މަސައްކަތަކީ ބިން ހިއްކުން ކަމުގައިވިއަސް، ކުންފުނީގެ މަސައްކަތް ކުރިއަށްދާއިރު ކިސަޑުގަނޑު ފެތުރިގެން ދިއުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިއްކާ ސަރަހައްދު ބަންޑުވޯލް ޖަހައި، އަދި ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ސިލްޓް ސްކްރީން ބޭނުން ކުރާނެއެވެ.

ބިން ހިއްކުމަކީ ކޮންމެ ގޮތަކަށް ބެލިއަސް ތިމާވެއްޓަށް އަސަރުކުރާނެ ކަމެއް ކަން އެކުންފުނިންވެސް ޤަބޫލު ކުރެއެވެ. އެހެން ކަމުން އެކުންފުނީގެ މަސައްކަތް ބައްޓަންކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އައްޑޫގެ ވެއްޓަށް ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމަށެވެ.