ބޮލީވުޑްގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
ވައިއާރްްއެފްގެ ރަސްމީ ވެބް ސައިޓްގައި ބުނެފައި ވަނީ މީޑިއާތަކުން އަދީ ފިލްމެއް ޑައިރެކްޓް ކުރަން އުޅޭ ކަމަށް ބުނެ، އެ ފިލްމުގެ ނަމާއި ކާސްޓިން އާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުންދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި އެ ފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދީގެ އާ ފިލްމުގެ ލީޑް އެކްޓަރަކީ ޝާހްރުކް ހާނެވެ.
މީގެ ކުރިން އޭނާ ޑައިރެކްޓް ކުރި ތިން ފިލްމުގައި ވެސް ލީޑް ރޯލް ކުޅެފައި ވަނީ ޝާހްރުކް އެވެ. އަދީ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2008 ވަނަ އަހަރުގެ "ރަބް ނެ ބަނާދީ ޖޯޅީ" އެވެ.
އޭގެ ފަހުން މިހާތަނަށް އޭނާ އެއްވެސް ފިލްމެއް ޑައިރެކްޓް ނުކުރި ނަމަވެސް، އަދީގެ ބެލުމުޔގެ ދަށުން ކޮންމެ އަހަރަކު ވެސް ގިނަ ފިލްމުތަކެއް ވައިއާރްއެފުން އަންނަނީ ބެލުންތެރިންނާ ހަމައަށް ގެނެސް ދެމުންނެވެ.
ވައިއާރްއެފުގެ ވެބްސައިޓްގައިވާ ހަބަރުގައިވާ ގޮތުން އާ ފިލްމަކަށް ސްކްރިޕްޓެއް ލިއުމުގެ މަސައްކަތް ވެސް އަދީ އަދިއެއް ނުފަށަ އެވެ. އެހެންވެ ފިލްމުގެ ނަމާއި ކާސްޓިން އާއި ފިލްމުގެ މަސައްކަތް ފަށާނެ ދުވަހަކާ ބެހޭ ގޮތުން ވާހަކަ ދައްކާނެ އެއްވެސް ފުރުސަތެއް މި ދަނޑިވަޅަކު ނެތެވެ.
މިދިޔަ މެއި މަހު ބަތަލާ ރާނީ މުކަރުޖީ އާ ކައިވެނި ކުރި އަދީ އާ ފިލްމެެއްގެ މަސައްކަތް ފަށަން ނިންމުމުން އެކަން އާންމު ކުރާނެ ކަމަށް ވެސް ވައިއާރްއެފުން ބުންޏެވެ.
އުމުރުން 23 އަހަރުގައި ޑައިރެކްޝަނަށް ނިކުތް އަދީ މިހާތަނަށް ޑައިރެކްޓްކޮށްފައި ވަނީ އެންމެ ތިން ފިލްމެވެ.
އެއީ 1995 ގައި އޭނާ ޑައިރެކްޝަނަށް ނިކުތް "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އާއި 2001 ގައި ނިކުތް "މުހައްބަތޭން" ގެ އިތުރުން 2008 ގައި ނިކުތް "ރަބް ނެ ބަނާދީ ޖޯޅީ" އެވެ.
އަދީގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދި "ކިންގް އޮފް ރޮމާންސް" ގެ ނަމުން މަޝްހޫރުވެފައިވާ ޔާޝް ޗޯޕްޅާ 2012 ގައި މަރުވުމުން ވައިއާރްއެފް ހިންގުމުގެ ހުރިހާ ޒިންމާއެއް މިހާރު ނަގަނީ އަދީ އެވެ.