Last Updated: November 26, 15:36
Tuesday, November 26, 2024
މުނިފޫހިފިލުވުން

ރިތިކްގެ އޮފީހުގައި އަލިފާން ރޯވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ ބައްޕަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ރާކޭޝް ރޯޝަންގެ މުމްބާއީ އޮފީހުގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވި އެ އޮފީސް ހުންނަނީ ފިލްމީ ދާއިރާގައި މަަސައްކަތް ކުރާ ގިނަ ބަޔަކު އެ މީހުންގެ ތަފާތު މަސައްކަތްތައް މެނޭޖް ކުރަން އޮފީސްތައް ހިންގާ މުމްބާއީގެ އަދޭރީ ވެސްޓް ލޮޓަސް ޕާކްގައި ހުންނަ އޮފީސް އިމާރާތުގަ އެވެ.

މި އިމާރާތުގައި ރިތިކް އާއި އޭނާގެ ބައްޕަ ގަނެފައިވާ ފަސް ފްލޯ ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 4،5،15،16 އަދި 17 ވަނަ ފްލޯ އެވެ.

މީގެ ތެރެއިން އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކުރީ 17 ވަނަ ފްލޯއަށެވެ.

އަލިފާން ނިއްވަން ހަރަކާތްތެރިވި ފަޔާމަނުންނަށް 17 ވަނަ ފްލޯ އާ ހަމައަށް ދާން ކުރިމަތިވި ހުރަސްތަކާ އެކު، އެ ފްލޯ އަށް ބޮޑެތި ގެއްލުންތަކެއް ލިބި، މި ހާދިސާގައި ފަޔާމަނަކު ވަނީ މަރު ވެސް ވެފަ އެވެ.

ރާކޭޝް ރޯޝަން ބުނީ އަލިފާން ރޯވީ އިމާރާތުގެ 21 ވަނަ ފްލޯގައި ކަމަށެވެ. އެހެން ނަމަވެސް އަލިފާން ކޮންޓްރޯލް ނުކުރެވި ފެތުރިގެން ގޮސް، އެހެން ފްލޯތަކަށް އަސަރު ކުރީ ކަމަށް އޭނާ ބުންޏެވެ. އަދި ރޯވާން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.

GKN (2)

"މި ވަގުތު އަދި އެއްގޮތަކަށް ވެސް ބުނާކަށް ނޭނގޭ އަހަރަމެންގެ ފްލޯތަކުގައި ރޯވެ ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް،" ކަހޯނާ ޕިޔާރު ހޭ އާއި "ކްރިޝް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ރާކޭޝް ބުންޏެވެ. "އަސްލު އިމާރާތުގެ 21 ވަނަ ބުރީގައި ރޯވެ އަލިފާން އެހެން ފްލޯތަކަށް ފެތުރިގެން ގޮސްފައި ވަނީ. މިއީ ވަރަށް ހިތާމަވެރި ދުވަހެއް."

ރާކޭޝް އިތުރަށް ބުނީ އަލިފާން ރޯވި އިމާރާތަކީ ޖުމްލަ 22 ބުރީގެ އިމާރާތެއް ކަމަށެވެ.

"މިއަށް ވުރެ އިސް އިމާރާތްތައް ވެސް މި ސިޓީގައި އެބަހުރި. އަހަރެން ހިތަށް މިހާރު އަރަނީ މިއަށް ވުރެ އުސް އިމާރާތެއްގައި މިފަދަ ހާދިސާއެއް ހިނގައިފި ނަމަ އެކަން ކޮންޓްރޯލް ކުރަން ދެން ހަދާނީ ކިހިނެއްބާއޭ ކަމާ ބެހޭ ފަރާތްތަކުން؟" ރާކޭޝް ބުންޏެވެ.