Last Updated: April 22, 06:16
Tuesday, April 22, 2025
ރިޕޯޓް

ހިތަދޫ ފްލެޓް ސަރަހައްދަށް ކުނި އަޅަނީ ކޮން ބައެއް؟

އައްޑޫ ހިތަދޫގެ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅެ އެވެ. އެކަމަކު މި ސަރަހައްދުން ފާހަގަނުވާ ކަމަކީ ސަރަހައްދުގެ ސާފު ތާހިރުކަމާއި ނަލަކަމެވެ. އެ ސަރަހައްދުގެ މަގު ވެސް ދާދި ފަހުން ތާރު އަޅައިގެން ހަދާފައިވާ އިރު، ފްލެޓް ހުރި ސަރަހައްދުގެ ތަރުތީބުކަން ކުޑަ އެވެ. ހާއްސަކޮށް މައި މަގުގެ ކުރިމައްޗަށް ހުރި ފްލެޓްތަކާ ދިމާލުން ވެސް ދިރުމެއް، ހިތްފަސޭހަ ކަމެއް ފެންނާކަށް ނެތެވެ

ހިތަދޫގެ މި ފްލެޓްތައް ހުރީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ވެސް ހުރި މަގުގަ އެވެ. އަދި ފްލެޓްތައް ހުރީ ރަށުގެ ފުއްޓަރާވީ ފަރާތުގަ އެވެ. ރީތިކޮށް، ސާފުކޮށް ބަލަހައްޓާ ނަމަ ހަމަ ވަރަށް ހިތްފަސޭހަ ސަރަހައްދަކަށް ވާނެ އެވެ.

މި ސަރައްދުން އެންމެ ބޮޑަށް ފާގަކުރެވަނީ ފްލެޓްތަކާ ދިމާލުން އަތިރިތިމައްޗާވީ ފަޅި އަށް ގިނަ ބަޔަކު ކުނި އަޅަމުންދާ ކަމެވެ. އެ ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގައިލާ އިރު، ކުނިބުނި ގިނަ އެވެ. ތަފާތު އެކި ބާވަތުގެ ކުންޏެވެ. ބަދިގެއިން އުކައިލާ އެކިއެކި ސާމާނެވެ. ލަކުނޑި އާއި ދަގަނޑާއި ޕްލާސްޓިކާއި އެ ނޫން ވެސް އެތައް ބާވަތެއްގެ ކުންފުންޏެވެ.

މި ގޮތަށް އުކާފައި ހުރި ކުރި ކުނި ފްލެޓްތަކުގެ ފުރަގަހުން ގިނަ އަދަދަކަށް ވަރަށް ހާމަކަން ބޮޑުކޮށް ފެންނަން އެބަހުއްޓެވެ. އަދި ބައެއް ކުނިތައް ހުރީ ގަސްތަކުގެ ތެރެއަށް އުކާލައި ނިވާކުރަން މަސައްކަތްކޮށްފަ އެވެ.

ސުވާލަކީ ފްލެޓްތައް ކައިރި އަށް ކުނި އުކައި، އެ ސަރަހައްދު ގޮނޑުކުރަނީ ކޮން ބައެއް ހެއްޔެވެ؟ ޔަގީނުން ވެސް އެކަން ރައްދުވާނީ ފްލެޓްތަކުގައި އުޅޭ މީހުންނަށެވެ. އެ މީހުންނާ ދިމާކުރެވޭނެ ސަބަބަކީ ވެސް މި ކުނިތައް ހުރީ ސީދާ ފްލެޓްތަކާ ދިމާއަށް ކަމަށްވާތީ އެވެ. އެހެންވެ ފްލެޓްތަކުގައި އުޅޭ މީހުން ކުންޏާ މެދު މާ ބޮޑު ފަރުވާތެރި ކަމެއް ނުބަހައްޓާ ކަމަށް ބުނެވިދާނެ އެވެ.

އެ ސަރަހައްދުގެ އަތިރި މައްޗަށް ބެލި ނަމަވެސް ކުނިތައް ފެނެ އެވެ. ހާއްސަކޮށް ޕްލާސްޓިކް ފުޅި އާއި އެ ނޫން ވެސް އެފަދަ އެތައް ބާވަތެކެވެ.

ފްލެޓް ސަރަހައްދު ގޮނޑުކޮށް ފެންނަ އިރު، މި ރޯދަ މަސް ފެށުނުތަނާހެން ހިތަދޫ އަވަށު އޮފީހާއި ހިތަދޫ ފުލުހުން ގުޅިގެން ފްލެޓް ސަރަހައްދު ސާފު އެތައް ކޮތަޅެއްގެ ކުނި ނެގި އެވެ. އަދި އެ ސަރަހައްދުގައި ގަސްތަކެއް ވެސް އިންދި އެވެ.

މި ވާހަކަތަކާ އެކު ހަނދާންކޮށްލަން ޖެހެނީ ފަރުދީ ޒިންމާގެ މަތިންނެވެ. ފްލެޓް ސަރަހައްދަށް ކުނި އަޅައި، ގޮނޑުކުރާ ނަމަ އެކަމުގެ ހުރިހާ އުނދަގުލެއް ވެސް ކުރިމަތިވާނީ ހަމަ އެ ތަންތަނުގައި އުޅޭ މީހުންނަށެވެ. އެހެންވެ މި ސަރަހައްދަށް ކުނި އުކާލުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނައިލާށެވެ.