ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން އެޕާޓީން ވަކިވަމުންދަނީ މަގާމުގެ ދިފާއުގައި ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގެ ބައެއް ކައުންސިލް މެމްބަރުން ވަނީ އެ ޕާޓީން ވަކިވެފަ އެވެ. އޭގެތެރޭގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) އާއި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ހިމެނެ އެވެ.
ގާސިމް ވިދާޅުވީ އެބޭފުޅުން ޕާޓީން ވަކިވަނީ މަގާމުގެ ދިފާއުގައި ކަމަށާއި، އެގޮތަށް ކަންކުރާއިރު ޕާޓީ ބަދުނާމު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަގީގަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ؟" ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟ pic.twitter.com/tAWtchw97M
— Qasim Ibrahim (@qasimibrahim) April 1, 2023
ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ. ޖޭޕީން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލީ ލީޑަރު ގާސިމް އެކަންޏެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގައި އޮތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު ކޯލިޝަން ހެދުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.