އައްޑޫ ހިތަދޫ އަކީ އެތައްފަހަރަކު ފަޅުވެފައިވާ ރަށެއްކަމަށް ދޫދޫ މަތީން އިވެމުން އައިސްފައި ވެ އެވެ.
މީގެ ތެރެއިން އެންމެފަހުން ހިތަދޫ ފަޅުވެފައިވަނީ ދިޔޯގެ ކުޅިވަރު ބެލުމަށް ކަށްބޯ ހެރަ އަށް ހިތަދޫ ގައި އެދުވަސްވަރު ދިރިއުޅުނު މީހުން ދިއުމުން އެތާނގައި ހިނގައިދިޔަ ކަންތައް ތަކަކަށްފަހު ހިތަދޫގެ ހުރިހާ އެންމެން މަރުވެ ދިއުމުން ރަށް ފަޅުވީ ކަމަށް ވާހަކައިގައި އިވެމުން އައިސްފައިވެއެވެ.
ކަށްބޯހެރައިގައި ހިނގައި ދިޔަ ޙާދިސާ އަކީ އެރަށުގައި ކުޅެވުނު މިއުޒިކާއި ކުރެވުނު މަޖަލުގެ ތެރޭގައި ހިނގައި ދިޔަ ގަތުލު ކުރުމެއްގައި ރަށުގެ އެންމެން ފަނާވި ނުރައްކާތެރި ޙާދިސާއެކެވެ. އެހެން ކަމުން ތާރީޚީ މިވާހަކައިން މިއަދު އިބުރަތްތަކެއް ލިބިގަންނަން ޖެހެއެވެ.
ކައްބޯ ހެރަ އަކީ ރަށުގެ އިރު އުތުރުފަރަތުގައިވާ ފަޅު ރަށެކެވެ. ދިޔޯގެ ކުޅިވަރު ކުޅެވުނީ އެތަނުގައެވެ. ރަށުގެ ދެކުނު ފަރާތުގައި ބޮޑު ޚަރަދެއް ކޮށްގެން އަޅާފައިވާ ކޮންވެންޝަން ސެންޓަރަކީ ކަށްބޯ ހެރަ ފަދަ ތަނަކަށް މިހާރު މިދަނީ ބަދަލު ވަމުންނެވެ. މީލާދީ އާއަހަރު ފެށުން ފާހަގަ ކުރުމަށް ކޮންވެންޝަން ސެންޓަރު ހުރި ސަރަޙައްދުގައި ބޮޑު ޚަރަދު ކޮށްގެން ކުޅެވުނު ނާޗަރަންގީ ބެލުމަށް މިއަހަރުވެސް ބައި ހަދައިގެން ހިތަދޫގެ ގިނަ ބަޔަކު އެސަރަޙައްދަށް ޖަމާވަމުން ދިޔައެވެ.
ދިޔޯގެ ކުޅިވަރު ބަލަން ބައި ހަދައިގެން ކަށްބޯ ހެރައަށް މީހުން ދިޔަ ގޮތަށެވެ. ވަކި ތަފާތެއް ނެތެވެ. އެރޭގެ ކުޅިވަރުގައި ބައިވެރިވާން ކަނޑި އާއި ވަޅި ހިފައިގެން ދިޔަ ގުރޫޕަށް އެތަނަށް ނުދެވުނީ ފުލުހުންގެ ކުޅަދާނަ ކަމުންނެވެ. އެހެންކަމުން އެރޭ ފުލުހުން ނެތަމަ ތާރީޚު އަލުން އިޔާދަ ވުމުގެ ފުރުޞަތުވެސް އޮތެވެ.
2013 ވަނަ އަހަރު ފެށުމާއެކު މުޅި ރަށުން އިވެމުންދާ އެންމެ ޢާއްމު އަޑަކީ ކަރަންޓް ކެނޑޭ ވާހަކައެވެ. އިންޖީނުތައް ފެއިލްވާ ވާހަކައެވެ. އެއްބަޔަކު ބުނާގޮތުގައި ރަށަށް ކަރަންޓް ދިނުމަށް ހިންގާ ޖެނެރޭޓަރ ތައް ފެއިލްވެ ރަށުން ކަރަންޓް ކެނޑެން ދިމާވާ މައިގަނޑު އެއްސަބަބަކީ ޖެނެރޭޓަރ ތަކަށް ނުކަތާ ވަރުގެ ކަރަންޓް ކޮންވެންޝަން ސެންޓަރާއި އެސަރަޙައްދު ދިއްލުމަށް ބޭނުން ކުރަން ފެށުމެވެ. މި ބޭކާރު ކަރަންޓަކީ ފައިސާ އެއް ލިބޭ ކަރަންޓެއް ނޫނެވެ.
ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާއިރު އެފައިސާ ދައްކަންޖެހެނީ ކާކު ކަމެއް ކޮންފަރާތަކުން ކަމެއް ޒިންމާ ވަނީ ކޮންބައެއްކަމެއް އެނގޭ މީހަކު ނެތެވެ. އެނގޭ ކަމަކީ މި ތަނާހުރެ ހިތަދޫ އަކީ ކަރަންޓް ނެތް ފަޅުރަށަކަށް ވާން މެދުވެރިވާކަމެވެ.
މިއަދު ވިސްނާލަންވީ ކަމަކީ ނާޗަރަންގީ އާއި އިސްލާމީ އާދަތަކާއި ދުރު ލާދީނީ ސަޤާފަތް އަޅުގަނޑުމެންގެ މުޖުތަމަޢުން ފޮހެލުމެވެ. ހިތަދޫ އަކީ މީހުން އާބާދުވެ ދިރިއުޅޭ އަމާން ރަށަކަށް ހެދުމަށްޓަކައެވެ. ކޮންވެންޝަން ސެންޓަރު ދިއްލަން ހަދައިގެން ރަށުން ކަރަންޓް ކެނޑި ރަށް ފަޅުވަނީއެވެ. އާނއެކެވެ.
ރަށް ތަރައްޤީ ކުރުމުގެ ނަމުގައި އެއްވެސް ބަޔަކު ތިމާމެންނަށް ނުއުފުލޭ ވަރުގެ ބޮޑެތި ގާ ގަލުގައި ހިފާނަމަ އުނަގަނޑު ގުޑާނެއެވެ.