އައްޑޫގައި ފަހަކަށް އައިސް ޑެންގީ ހުން އިތުރުވަމުންދާތީ މަދިރި ނައްތައިލަން ކައުންސިލުން ފެށި މަސައްކަތުގެ ތެރެއިން އަވަށްތަކުގެ މަގުތަކުގެ ފެން ހެދިފައިވާ ކާނުތަކަށް މަދިރި ބޭސް އަޅަން ފަށައިފި އެވެ.
މި މަސައްކަތުގެ އިތުރަށް މަދިރި ނައްތަލަން ދުން ޖެހުމުގެ ޕްރޮގްރާމެއް ވެސް ކައުންސިލުން މިދިޔަ ހަފުތާގެ ތެރޭގައި ފަށާފައިވެ އެވެ.
ކައުންސިލުން މަގުތަކުގެ ކާނުތަކަށް މަދިރި ބޭސް އަޅަން ފެށި އިރު، އައްޑޫގެ މަގުތައް ހަދަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބައެއް އަވަށްތަކުގެ މަގުތައް ކޮނެ، ހަދާފައިވާ ކާނުތަކާއި އަދި ކާނުތައް ހަދަން ކޮނެފައިވާ ބައެއް ތަންތަނުގައި ފެންހެދި މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވެފައިވެ އެވެ. ހާއްސަކޮށް ހިތަދޫގައި މި ގޮތަށް ހުރި ކާނުތައް ވަރަށް ގިނަ އެވެ.
މަގުތައް ހަދަން ކޮނުނު ގޮތަށް ކާނުތައް ހަދާފައި މަގުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގޮސް ހުރި އެތައް މަގެއް ވެސް އައްޑޫގެ ބައެއް އަވަށްތަކުގައި އެބަހުއްޓެވެ.
ޑެންގީ އިތުރުވާތީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވަނި އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.