Last Updated: September 20, 16:23
Friday, September 20, 2024
ޚަބަރު ހައްޖުގެ އަޅުކަން

ހައްޖަށް ގެންދަން އަލުން ހުޅުވާލައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި --- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މިއަހަރު ހައްޖުގެ އަޅުކަމަށް މީހުންގެ ގެންދިއުމަށް ހުށަހެޅި ކުންފުނިތަކުން ހުށަހެޅި އަގުތައް ބޮޑުވެ، ބައެއް މައުލޫމާތު ފުރިހަމަވެފައި ނެތުމުގެ ސަބަބުން އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، 11 ކުންފުންޏަކުން ހައްޖައް މީހުން ގެންދިއުމަށް ހުށަހެޅި ކަމަށެވެ. މީގެ ތެރޭގައި ހައްޖަށް މީހުން ގެންދިއުމަށް ބައެއް ކުންފުނިތަކުން ހުށަހަޅާފައިވާ އަގުތަތަކަކީ ޙިދުމަތައް އެކަށީގެން ނުވާ އަގުތަށް ކަމަށެވެ. މީގެ އިތުރުން ޕްރޮޕޯސަލް ފޮތް ހުށަހަޅާއިރު ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވާ އަސާސީ ކަންކަން ބީލަންތަކުގައި ފުރިހަމަ ވެފައި ނެތްކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މިމައްސަލަތައް ހުރުމުގެ ސަބަބުން ވާދަވެރި ބީލަމަކަށް ހުޅުވާލެވޭނެ ކަމަށް ޤަބޫލު ނުކުރެވޭތީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ކުރި އިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ފުރުސަތު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިގޮތުން އަލުން ހުޅުވާލި ފުރުސަތުގައި ހައްޖަށް މީހުން ގެންދިއުމުގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ބީލަމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަގާއި އެންމެ ގިނަ ވެގެން ހުށަހެޅޭނެ އަގު ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެންމެ ދަށްވެގެން 75،000ރ. ބީލަމަށް ހުށަހެޅޭއިރު އެންމެ ގިނަވެގެން ހުށަހެޅޭނީ 95،000 ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މިއާއެކު ގުޅިގެން ބާއްވާ ޕްރީ ބިޑް މީޓިން އެޕްރީލް 6 ވަނަ ދުވަހު 10:00 ޖަހާއިރު މިނިސްޓްރީގެ މީޓިން ރޫމް 1 ގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 އޭޕްރިލް 2023 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ.