ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއެކު އެމްޑީޕީގެ ބޮޑު ވަފުދެއް ކ. ގުރައިދޫ އަށް މިއަދު ވަޑައިގެންފި އެވެ.
ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ އިބްރާހީމް ޝާޒް އެވެ.
ގުރައިދޫ ދާއިރާ އަށް ވަޑައިގެންނެވި އެމްޑީޕީގެ ޓީމުގައި ދާދި ފަހުން ޖުމްހޫރީ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅުނު ރައްޔިތުން މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުވެސް ހިމެނިވަޑައިގަންނަވަ އެވެ. މިނިސްޓަރު މައުސޫމް އަކީ އަދިވެސް ޖޭޕީގެ މެމްބަރެއް ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އޭނާ ވަނީ ނިންމާފަ އެވެ.
ގުރައިދޫ ދާއިރާ އަށް ދިޔަ އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ބޭފުޅުން އަންނަނީ އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މަސައްކަތްތައް ކުރަމުންނެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. އެ ގޮނޑި އަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ މި މަހުގެ 15 ގަ އެވެ.
މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.