Last Updated: April 23, 05:54
Wednesday, April 23, 2025
ޚަބަރު

ގާސިމް އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ތާއީދާ އެކީ މި އަހަރުގެ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.

ގާސިމަށް އެމްޑީޕީގެ ތާއީދެއް ނެތް ކަމަށާއި އޮތީ ހަމައެކަނި ނަޝީދު ތާއީދު ކަމަށް ބުނެ މީޑިއާއަކުން ގެނެސްދިން ޕޯސްޓަކާ ގުޅިގެން ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަން އެހެން އޮތުމަކީ އެއްވެސް މައްސަލައެއް ވެސް ނޫން ކަމަށެވެ.

"ރައީސް ނަޝީދުގެ ތާއީދު އެއީ ކުޑަ އެއްޗެއް ނޫން. އެހެން ނޫނަސް ސިޔާސީ ޕާޓީއަކުން އެންމެ ފުރަތަމަ ބޭނުން ވާނީ ފުރަތަމަ ބުރުގައި ވަކިން ވާދަކުރުން،" ނަވާޒު ވިދާޅުވި އެވެ. "ގާސިމް އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން."

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބަލިވެވައިގަތުމުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފެކްޝަނެއް ހައްދަވައިގެން ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމާ ހެދި ޕާޓީގެ ތެރެއިން ނަޝީދަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ނަޝީދުގެ ފެކްޝަނުން ޖޭޕީއާ އެކީ މަސައްކަތްކުރަމުން އަންނަ އިރު، ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމުގެ މަޝްވަރާތަކެއް ވެސް އަންނަނީ ކުރެވެމުންނެވެ.

ޖޭޕީ އަކީ ސަރުކާރުގެ މިހާރު ކޯލިޝަން ބައިވެރިއެއް ނަމަވެސް އެ ޕާޓީން މި ފަހަރު ނިންމީ އެމްޑީޕީއާ ކޯލިޝަން ނަހަދައި، ރައީސް ސޯލިހަށް ވެސް ތާއީދު ނުކޮށް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. ޖޭޕީ އަކީ ތިން ވަނަ އަށް ރާއްޖޭގައި އެންމެ ބޮޑު ޕާޓީ އެވެ.

ސަރުކާރުގައި ތިބި އެ ޕާޓީގެ ބައެއް މީހުން ޕާޓީން ވަކިވަމުންދާ އިރު، ޖޭޕީއާ ބައެއް މީހުން އަންނަނީ ގުޅެމުންނެވެ.