ދެ އަތުގައި ބިޑި އަޅައިގެން އެންމެ ދުރަށް ފެތުމުގެ ރެކޯޑް މިސްރުގެ މީހަކު ހޯދައިފި އެވެ.
ޖުމްލަ 7.238 މޭލު (11.649 ކިލޯމީޓަރު) ބިޑި އަޅައިގެން ފަތައިގެން ރެކޯޑް ހެދީ ޝިހާބް އައްލާމް ކިޔާ 31 އަހަރުގެ ޒުވާނެކެވެ. އޭނަ ބުނި ގޮތުގައި ކުރިން އެމެރިކާގެ މީހަކު ހަދާފައި އޮތް ރެކޯޑް މުގުރައިލެވުމުން އިހުސާސްކުރެވެނީ "ސުޕަހީރޯއެއް" ގެ ގޮތުގަ އެވެ.
ޝިހާބްގެ ކުރިން، ދެ އަތުގައި ބިޑި އަޅައިގެން ރެކޯޑް ހެދި އެމެރިކާގެ ބެންޖަމިން ކެޒްމަން 2021 ގައި އެ ރެކޯޑް ހެދީ 5.35 މޭލު (8.6 ކިލޯމީޓަރު) އަށް ފަތައިގެންނެވެ.
New record: Farthest distance swimming wearing handcuffs – 7.23 mi (11.64 km) by Shehab Allam (Egypt) 🏊♂️https://t.co/henUs1q7Xn
— Guinness World Records (@GWR) April 4, 2023
އެ ރެކޯޑް މުގުރައިލަން ޝިހާބް ފެތުމަށް ހަ ގަޑިއިރު ނެގި އެވެ. އޭނަ އަށް ގިނިސް ވޯލްޑް ރެކޯޑުން، ރެކޯޑް ކަށަވަރުކޮށް ދީފައިވާ އިރު، ބުނީ މިއީ ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"މި ރެކޯޑް ހާސިލުކުރެވުނީ ވަރަށް ގިނަ ދުވަހުގެ ތަމްރީނުތަކަަކަށް ވެސް ފަހު." ފަތަން ދަސްކޮށްދޭ ކޯޗެއްގެ ގޮތުގައި ދުބާއީގައި މަސައްކަތްކުރާ ޝިހާބު ބުންޏެވެ.
އޭނަ ބުނި ގޮތުގައި ދެ އަތުގައި ބިޑި އަޅުވައިގެން ފެތުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި ބިޑި އަޅައިގެން ފަތަން ފެށިތާ ފުރަތަމަކޮޅު އަތުގެ މުލައްދަނޑި ހަންގޮސް، ރަތްވެ، ހިރުވައި ގިނަ އުނދަގޫތަކެއް ތަޖުރިބާކުރަން ޖެހުނު ކަމަށް ބުންޏެވެ.
"އެކަމަކު ހިތްވަރުކޮށްފައި ރެކޯޑް ހޯދަން ކުރި މަސައްކަތުން ކާމީޔާބީ އަށް ހަމައަށް ދެވުމަކީ ވަރަށް ބޮޑު އުފަލެއް. މި ރެކޯޑް ދަމަހައްޓަން އަދިވެސް އަހަރެން މަސައްކަތް ކުރާނަން." ޝިހާބު ބުންޏެވެ.