ބޭރުން ރާއްޖެ އަށް 5،000 ރުއް ގެނެސްފި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ ބޭރުން ގިނަ އަދަދެއްގެ ރުއްތަކަށް ގެނައީ ރާއްޖޭގައި ރުއްތަކަށް މި ފަހުން ޖެހޭ ބައްޔެއްގެ ސަބަބުން، ކާއްޓައި ކުރުނބާ ލިބުން ދަތިވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ރުއްތައް އާލާކުރުމުގެ ގޮތުންނެވެ.
ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މިނިސްޓްރީން ވަނީ ކަމާ ގުޅުން ހުރި ދާއިރާތަކާ ދެ ދުވަހުގެ މުއްދަތަށް މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
Minister @DrHussainHassan , today inaugurated a stakeholder consultation meeting on 'Prevention of plant pest and disease spread in Maldives'. – pic.twitter.com/DQE3fpWRht
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 5, 2023
އެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ރުއްގަހަށް ޖެހޭ ބަލީގެ ސަބަބުން ކުރުނބާ އަދި ކާށި ލިބުން ދަތިވެފައިވާތީ، އެކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރުކުގެ އައު ޖީލެއް އުފެއްދުމަށް 5،000 ރުއް ރާއްޖެ ގެނެސް، އެ ރުއްތައް އަތޮޅުތަކުގެ ރަށްތަކަށް ބެހުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރުއްތަށް ބަހާނީ އެ ރުއްތަކުގައި ވެސް އެއްވެސް ބާވަތެއްގެ ބައްޔެއް ހުރިތޯ ކަށަވަރު ކުރުމަށް ފަހު އެވެ. ރުއްތައް މިހާރު ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީން ކޮށްފަ އެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި ރުއްގަހަށް ޖެހޭ ބައްޔެއް ކަމަށްވާ ބޮންތި ނައްތާލާ ސޫޓީމޯލްޑް ހުރި ކަމަށް ވާނަމަ، އަލަށް ގެނައި ރުއްތަކަށް އެ ބަލި ނުޖެހޭނެހެން ޢަމަލު ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރައްވާފައިވެ އެވެ.