އައްޑޫއިން ހިމަބިހީގެ އިތުރު ކޭސް އެއް ފެނިފައިވާ ނުވާ ކަމަށާއި، ފެނުނު ކޭސް އާއި ގުޅިގެން ކޮމިއުނިޓީ ސާވޭއެއް ކުރެވިފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫއިން މީޒަލްސް ނުވަތަ ހިމަބިހި ކޭސްއެއް ފެނިފައިވާކަން އިއުލާންކުރީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. އޭރު އެޗްޕީއޭއިން ބުނެފައިވަނީ މީޒަލްސް ކަމަށް ޝައްކު ކުރެވޭ ކޭސް އަކާއި، އަދި މީޒަލްސް ޖެހިފައިވާ ކުއްޖަކު އައްޑޫއިން ފެނިފައިވާ ކަމަށެވެ. އޭއީއެޗްއިން ވަނީ އައްޑޫއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ އެންމެ ކޭސްއެއް ކަން ޔަޤީންކޮށްދީފައެވެ.
މިއަދު ބައެއް މީޑިއާތަކުގައި އައްޑޫގައި އިތުރު މީޒަލްސް ކޭސްއެއް ފެނިގައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އައްޑޫއިން އިތުރު ކޭސް އެއް ފެނިފައި ނުވާ ކަމަށެވެ. އަދި އޭރު ފެނުނު ކޭސް އާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅި ކުރެވުނު މަސައްކަތް އޭއީއެޗްއިން ވަނީ ހާމަކޮށްފައެވެ.
ފުރަތަމަ ފެނުނު ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން އެއްކޮށް ހަދައި ނިމިފައިވާ ކަމަށް އޭއީއެޗްއިން ބުނެއެވެ. އަދި މީގެ އިތުރަށް ކޮމިއުނިޓީ ސާވާއެއް ވެސް ހެދިފައިވާ ކަމަށް އޭއީއެޗްއިން ބުނެއެވެ. މި ސާވޭގެ ބޭނުމަކީ ކޭސް ފެނުނު ގޭގެ ވަށައިގެންވާ ގޭގެ މީހުން ވެކްސިން ދެ ޑޯޒް ހަމަވެފައިވޭތޯ ބަލައި، ހަމަ ނުވާ ފަރާތްތަކަށް ޑޯޒް ހަމަކުރުމުގެ އިތުރުން، ވެކްސިން ރެކޯޑް ނެތް ފަރާތްތަކަށް ވެކްސިން ދިނުން ކަމަށް އޭއީއެޗްއިން ހާމަކުރެއެވެ.
ކޮމިއުނިޓީ ސާވޭގެ ދަށުން 16 ތަނެއް ސާވޭ ކުރެވުނު ކަމަށް އޭއީއެޗްއިން ފާހަގަކުރެއެވެ. މި ސާވޭއިން ހުރިހާ ކުޑަކުދިން ވެކްސިން ފުރިހަމަ ކޮށްފައިވާކަން އެނގޭ ކަމަށް އޭއީއެޗްއިން ބުނެއެވެ، މި ސާވޭގެ ތެރެއިން ފާހަގަވި ބޮޑެތި މީހުންނާއި ބިދޭސީންގެ ތެރެއިން ވެކްސިން ރެކޯޑް ނެތް ނުވަތަ ނުޖަހާ ފަރާތްތަކަށް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ގޭގެއަށް ގޮސް ވެކްސިން ދިނުމުގެ މަސައްކަތް ކުރެވުނު ކަމަށް ހޮސްޕިޓަލުން ފާހަގަ ކުރެއެވެ. އަދި މިހާރު ނުޖަހާ ތިބީ އެންމެ 5 މީހުން ކަމަށާއި އެމީހުންނަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ދެވޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ހޮސްޕިޓަލަށް ދާ ފަރާތްތަކުގެ ތެރެއިން ހުން އައިސް ގައިން ބިހި ނަގާފައިވާ ފަރާތްތަކުގެ ސާމްޕަލް އާންމު އުސޫލުގެ ތެރެއިން ނަގާ ކަމަށް އޭއީއެޗްއިން ވަނީ ބުނެފައެވެ. މިއީ ކޭސް އަކާއި ގުޅިގެން ނަގާ ސާމަޕަލްއެއް ނޫން ކަމަށާއި، ހިމަ ބިހި އަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމުން ސަވަލައިލެންސްގެ ގޮތުގައި ނަގަމުންދާ ސާމްޕަލްތަކެއް ކަމަށް އޭއީއެޗްއިން ބުނެއެވެ.