ޔޫރަޕްގެ ހުރިހާ ގައުމަކަށް ގޮސްގެން އެމެރިކާގެ 18 އަހަރުގެ ޒުވާނަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ކެލިފޯނިއާ އަށް އުފަން ރިއޯ މަޓްސިއޯކާ އަށް ރެކޯޑް ކަށަވަރުވި އިރު، އުމުރަކީ 18 އަހަރާއި 101 ދުވަހެކެވެ. މިއާ އެކީ އޭނާވެގެން ގޮސްފައި ވަނީ ޔޫރަޕްގެ ހުރިހާ ގައުމަކަށް ދަތުރުކުރި އެންމެ ހަގު ޒުވާނާއަށެވެ.
ރިއޯ ބުނި ގޮތުގައި މިފަދަ ރެކޯޑެއް ހަދަން ބޭނުންވީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ދަތުރުކޮށްގެން މީހަކު ރެކޯޑެއް ހަދާފައިވާތީ އެވެ.
"އެހެންވެ ހިތަށް އެރީ ވެއްޖޭ އެކަހަލަ ގޮތަކަށް ޔޫރަޕަށް ދަތުރުކޮށްލަން،" މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހައި ސްކޫލުން ގްރެޖްއޭޓްވި ޒުވާނާ ބުންޏެވެ. "ވަރަށް ގިނައިން އާއިލާގެ މީހުންގެ ގާތުގައި ވެސް މި ވާހަކަ ދައްކަން."
Rio is the youngest person to visit every country in Europe.https://t.co/eRrSvVV2ic
— Guinness World Records (@GWR) April 5, 2023
އެގޮތުން ޔޫރަޕްގެ ހުރިހާ ގައުމަކަށް ދާން ރިއޯ ދަތުރު ފެށީ އައިސްލޭންޑުންނެވެ. އަދި ދަތުރު ނިންމައިލީ މޯލްޓާއިންނެވެ. މި ދަތުރު ރިއޯ ކުރި ގޮތަށް ބަލާ އިރު ހުޅަނގު ޔޫރަޕްގެ ގައުމުތަކަށް އޭނަ މައިގަނޑު ގޮތެއްގައި ދަތުރުކުރީ ރޭލުންނެވެ. އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރީ ބަހުގަ އެވެ. ވައިގެ މަގުން ދަތުރުކުރީ އިނގިރޭސިވިލާތާއި ރަޝިއާށެވެ.
"ދަތުރު ކުރުމަކީ އަބަދު ވެސް ވަރަށް ލޯބިކުރާ ކަމެއް. އަނެއްކާ މިއީ ވަރަށް ގިނަ ކަންކަން ދަސްވެ، އާ އެކުވެރިން ލިބޭ ކަމެއް." ދަތުރުގައި ޖިއޯޕޮލިޓިކްސް އާއި ޕޭންޑެމިކް ކަހަލަ ކަންކަން ނޫން ގޮންޖެހުންތަކެއް ނެތްކަން ފާހަގަކޮށް ރިއޯ ބުންޏެވެ.
އޭނަ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ރެކޯޑްތަކެއް ހަދަން ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަށް ފައިސާ ރައްކާކުރާނެ ކަމަށް ބުންޏެވެ.
"މި ދަތުރަށް ވެސް ހަރަދުކުރީ އަމިއްލަ އަށް އެއްކޮށްފައި ހުރި ފައިސާ." އަމިއްލަ ގޮތުން ޖަމިއްޔާތަކަކާ ގުޅިގެން ޔުކްރޭނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ރިއޯ ބުންޏެވެ.