Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

އާސަންދަގެ 60 ޕަސެންޓް ޚަރަދުކޮށްފި

ފޮޓޯ: އަވަސް

މިއަ ހަރު ދައުލަތުގެ ބަޖެޓުގެ ތެރެއިން އާސަންދައަށް ކަނޑައަޅާފައިވާ މިންވަރުގެ 60 އިންސައްތަ ފުރަތަމަ ކުއާޓާގައި ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރަފައިވާ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިއަހަރު ދައުލަތުގެ ބަޖެޓުން އާސަނދައަށް ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 1.045 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން މިއަހަރު ފުރަތަމަ ކުއާޓާގެ ތިން މަސް ނިމިގެން ދިޔައިރު 628.1 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިއީ ކަނޑައެޅި ބަޖެޓުގެ 60.1 އިންސައްތައެވެ.

ދައުލަތުގެ ހިންގުމުގެ ޙަރަދަަށް މިއަހަރު 15.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން މިހާތަނަށް ބޭނުންކޮށްފައިވަނީ 4.7 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ސަބްސިޑީސްގެ ގޮތުގައި 2.28 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު ފުރަތަމަ ކުއާޓާ ނިމުނުއިރު 1.2 ބިލިއަން ރުފިޔާ ސަބްސިޑީސްއަށް އެކަނިވެސް ވަނީ ޚަރަދުވެފައެވެ.

ދައުލަތުން ހިނގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަލާއިރު ބަޖެޓުގައި 8.5 ބިލިއަން ރުފިޔާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާ މަޝްރޫޢުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފުރަތަމަ ކުއާޓާގައި ޚަރަދުވީ 2.6 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ބޮޑުކަމަށް އައިއެމްފްއިން ވެސް ވަނީ މިދިޔަ، ހަފްތާގައި ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައެވެ. މިގޮތުން އާސަންދައަށް ކުރެވޭ ޚަރަދު ބޮޑުވުމާއި އަދި ސަރުކާރުން ހިނގާ މަޝްރޫޢޫތައް ގިނަވެފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. މިއާއެކު ދިވެހި ރާއްޖޭގެ ދަރަނި އިތުރުވެފައިވާ ދަނޑިވަޅެއްގައި އިޤްތިޞާދީ ނުރައްކާ އިތުރުކަމަށް އެ ޖަމާޢަތުން ފާހަގަ ކުރެއެވެ.

މިއަހަރު ޙަރަދު ބޮޑުވި ނަމަވެސް ދައުލަތުގެ އާމްދަނީ ރަނގަޅެވެ. އެގޮތުން މިއަހަރު ލިބޭނެ ކަމަށް 32 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު މިހާތަނަށް 8.4 ބިލިއަން ރުފިޔާ ފުރަތަމަ ކުއާޓާ ނިމިގެން ދިޔައިރު ވަނީ ލިބިފައެވެ.