ހިތަދޫ ކުނިކޮށީގައި ރޯވިތާ 15 ގަޑިއިރު ވެގެން ދިޔައިރު އަދިވެސް އަލިފާންގަނޑު އެއްކޮށް ނިވާނުލެވި ދަނީ އަނދަމުންނެވެ.
އައްޑޫސިޓީ ހިތަދޫ ވެމްކޯގެ ކުނި މެނޭޖް ކުރާ މަރުކަޒު ނުވަތަ ހިތަދޫ ކުނި ކޮށީގައި ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ އީއްޔެ ހަވީރު 16:43 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެހައި ހިސާބުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު، އަދިވެސް ދަނީ އަނދަމުންނެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި މިހާތަނަށް ނުވެއެވެ.

މި ސަރަހައްދުގައި މިވަގުތުވެސް އެމްއެންޑީއެފް ވެހިކަލެއް އޮތް އިރު، މިވަގުތަށް އަލިފާންގަނޑު ވަނީ ފެތުރުން ކޮންޓްރޯލްކޮށްފައެވެ. އަދި ބޮޑު ހުޅުގަނޑެއް ލޮލަށް ފެންނަން ނެތެވެ. ނަމަވެސް އަނދަމުންދާ ކުނީގަ އެކި ދިމާދިމާލުން ރޯވެފައި އެބަ ހުއްޓެވެ. މީގެ އިތުރުން އަނދަމުންދިޔަ ތަނުން ވަރަށް ގަދަޔަން ދުން އަރަމުންދާއިރު، ލިންކްރޯޑާއި ދިމާލަށްވެސް ދުންގަނޑު ވަނީ ފެތުރިފައެވެ. އަދި ރޯވެފައިވާ ސަރަހައްދުގައި ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ.

ކުނިކޮށި އަނދަމުން ދިއުމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ވެމްކޯ ސަދަން ރީޖަން މެނޭޖަރ ޝާފިއު ޖަމީލް ވިދާޅުވީ، އަލިފާން ނިއްވުމުގެ ކަންކަން ކޮންޓޯރޯލްކޮށް ސްކޭލް ޑައުން ކުރީ ރޭ 4:30 އެހައިކަށްހާއިރު ކަމަށެވެ. އަދި މިވަގުތުވެސް އެކްސްކެވޭޓަރ އެއް ބޭނުންކޮށް ކުނި ފުނިތައް ވަކިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައްޑޫސިޓީ ކައުންސިލުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް އައްޑޫ ލިންކްރޯޑް ބޭނުންކޮށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސައިކަލުން ދަތުރު ކުރާ އިރު މާސްކު އަޅައިގެން ދަތުރުކުރުމުގެ އިތުރުން ކުޑަކުދިން ގޮވައިގެން އެއްގޮތަކަށްވެސް ދަތުރު ނުކުރުމަށް ވަނީ އެދިފަ އެވެ.
މީގެ އިތުރުން މި ސަރަހައްދުން ދުއްވާ ފަރާތްތައްވެސް ދުއްވުމުގައި ސަމާލުވުމަށް އައްޑޫސިޓީ ޕޮލިސްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އަލިފާން ނިއްވުމަށް މަގު މެދުން ހޮޅި އަޅާފައި އޮތުމުން ވީހާވެސް މަދުން އެ ސަރަހައްދުން ދަތުރު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިތަދޫ ކުނިކޮށި އަކީ މީގެ ކުރީންވެސް މިގޮތަށް ރޯވުމުގެ ހާދިސާ ހިނގާފައިވާ ތަނެކެވެ. އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކުނި އުކަން މިތަނަށް ގެންނައިރު، ވެމްކޯއާއި މިތަން ބެލެހެއްޓުން ހަވާލުކުރީ 2017 ވަނަ އަހަރު އެޕްރީލް 1 ގައެވެ. އަދި އޭގެ ފަހުންވެސް ދެ ފަހަރެއްގެ މަތިން މިތަނުގައި އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.