މި ފަހަރު މި އޮތީ ހިންދީ ފިލްމެއްގެ އަސްލަށް ހޮލީވުޑުން ފިލްމެއް ހަދާ ވާހަކަ އެވެ. މިއާ އާންމުކޮށް ވާ ކަމެއް ވެސް ނޫނެވެ.
އެހެން ނަމަވެސް 2012 ވަނަ އަހަރި ރިލީޒްކޮށް، ގިނަ ބަޔަކު ސިއްސުވީލާ ފިލްމް "ކަހާނީ" ގެ އިނގިރޭސި ވާޝަން އެހެން ގޮތަކަށް ބުނާ ނަމަ ހޮލީވުޑް ވާޝަން އުފެއްދުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.
މުޅި ފިލްމުގައި މާބަނޑު އަންހެނެއްގެ ގޮތުގައި ވިދިޔާ ބާލަންގެ މޮޅު އެކްޓިން އާ އެކު، ބެލުންތެރިން ސިއްސުވާލީ "ކަހާނީ" ޑައިރެކްޓްކޮށްފައި ވަނީ ސުޖޯއި ގޯޝް އެވެ. ފިލްމް ޝޫޓްކޮޮށްފައި ވަނީ ކަލްކަތާގަ އެވެ.
މި ފިލްމުގައި ދައްކުވައި ދެނީ ފިރިމީހާ ގެއްލިގެން އޭނާގެ އަންހެނުން، އޭނާ ހޯދަން ކުރާ ސިއްރުން ފުރިގެންވާ އާދަޔާހިލާފު މަސައްކަތެވެ.
"ކަހާނީ" ހޮލީވުޑްގެ އެޑަޕްޓޭޝަން އުފައްދަނީ އިންޑިއާގެ އެންމެ ބޮޑު ފިލްމް ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ހޮލީވުޑް ވިންގުންނެވެ.
"ކަހާނީ" އެޑަޕްޓްކޮށްގެން ހަދާ ހޮލީވުޑްގެ ފިލްމުގެ ނަމަކީ "ޑެއިޓީ" އެވެ.
މި ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ދަ ގާލް ވިތު ދަ ޑްރަގަން ޓެޓޫ" ގެ ޑައިރެކްޓަރު ނީލްސް އާޑެން އޯޕްލެވް އެވެ.
ފިލްމުގެ އެޑަޕްޓެޑް ސްކްރީންޕެކޭ ތައްޔާރުކޮށްފައި ވަނީ "ދަ މޮޓޯސައިކަލް ޑައިރީސް" ގެ ރައިޓަރު ޖޯސް ރިވެރާ އާއި "ތެހެރާން" ގެ ރައިޓަރު ރިޗަގް ރެގެން އެވެ.
ވައިއާރްއެފުން ބުނީ "ޑެއިޓީ" ގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އަދި އޮރިޖަނަލް ފިލްމާ އެއްގޮތަށް އިނގިރޭސި ފިލްމް ވެސް ޝޫޓް ކުރަން ހަމަޖެހިފައި ވަނީ ކަލްކަތާގަ އެވެ.
އެހެން ނަމަވެސް ފިލްމުގައި ވިދިޔާގެ ކެރެކްޓާ ކުޅޭނެ ތަރިއަކު އަދި ހާމަކޮށްފައެއް ނުވެ އެވެ.
ވައިއާރްއެފްގެ ހޮލީވުޑް ވިންގް ވައިއާރްއެފް އެންޓަޓައިންމަންޓުން ދާދި ފަހުން ވެސް ވަނީ އިނގިރޭސި ފިލްމެއް ޕްރީމިއާކޮށްފަ އެވެ. އެ ކުންފުނި ހިންގުމުގައި އިސްކޮށް ހުރީ އުދޭ ޗޯޕްޅާ އެވެ. ނުވަތަ "ދޫމް" ފްރެންޗައިޒްގެ "އަލީ" އެވެ.
ނިކޯލް ކިޑްމަން ލީޑް ރޯލް ކުޅެފައިވާ "ގްރޭސް އޮފް މޮނާކޯ" ޕްރީމިއާ ކުރީ ކާންސް ފިލްމް ފެސްޓިވަލްގަ އެވެ.