Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ފުވައްމުލަކުގެ ދަނޑުވެރިކަމުގެ ލެބް އަލުން ބީލަމަށް

ލެބްގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ދަނޑުވެރިކަމަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ގާއިމުކުރަން ނިންމާފައިވާ ގައުމީ ލެބޯޓަރީ ފެސިލިޓީ ހަދައި ދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އަލުން އެކަމަށް ހުޅުވާލީ ފުރަތަމަ ހުޅުވާލި ބީލަމަށް ހުށަހެޅި އަގުތައް މާ ބޮޑުވުމުން ކަމަށެވެ. އެހެންވެ އަލުން ބީލަމަށް ހުޅުވާލައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މި މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބީލަމުގައި ބައިވެރިވާން މި މަހުގެ 20 ގެ ހެނދުނު 10:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވާން ޖެހެނީ މި މެއިލް procurement@fuvahmulah.gov.mv މެދުވެރިކޮށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6862829 އިން ހޯދޭނެ އެވެ.

ފުވައްމުލަކުގައި ފިޝްރީޒް މިނިސްޓްރީގެ ދަށުން ހަދަން ނިންމީ ދަނޑުވެރިކަމާ ބެހޭ ގައުމީ ލެބްގެ ބިންގާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ގަ އެވެ. މިއީ ރާއްޖޭގައި ހަދާ މިފަދަ ފުރަތަމަ ލެބެވެ. މިއީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން އެ ޖަމިއްޔާ އިން ތަންފީޒުކުރާ "ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީ" ގެ މަޝްރޫއުގުގެ ދަށުން ހަދަން ނިންމާފައިވާ ލެބެކެވެ.

މި ލެބް މައިގަނޑު ގޮތެއްގައި ހާއްސަކުރެވެނީ 4 ކަމަކަށެވެ. އޭގެ ތެރޭގައި ފަސް ތަހުލީލު ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަކުރެވޭނެ ގޮތްތައް ހޯދުން ހިމެނެ އެވެ.