އައްޑޫގެ ފޭދު އާއި ހިތަދޫގެ ޗަސްބިންތަކަށް ވެލި އަޅައިގެން ހިއްކަން ފަށާފައި އޮތް މަސައްކަތް ނިންމަން ކައުންސިލުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މި ފަހަރު އެ މަސައްކަތް އާންމުކޮށް އިއުލާންކޮށްގެން ހަވާލުކުރީ ލިއޯ ޓްރޭޑިން ލިމިޓެޑާ އެވެ. އެކަމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު ކައުންސިލުން ސޮއިކުރީ އިއްޔެ އެވެ.
ފޭދޫގެ ޗަސްބިންތައް ހިއްކަން ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އަދި ހިތަދޫގެ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ދެ އަވަށުގެ މަސައްކަތް އެއްކޮށް ނުނިމޭތީ އަލުން، ކުންފުންޏަކާ ހަވާލުކުރީ އެވެ. މި މަސައްކަތުގެ ތެރެއިން ދެ އަވަށުން ޖުމްލަ 24 ހެކްޓަރުގެ ޗަސްބިން ހިއްކަން ހަމަޖެހިފައިވެ އެވެ. އަދި އެކަމަށް 8 މިލިއަން ރުފިޔާ ހޭދަވަ އެވެ.
ފޭދު އާއި ހިތަދޫން ހިއްކާ ޗަސްބިންތަކަކީ ބޯހިޔާވަހިކަމަށް ބޭނުން ކުރާނެ ބިންތަކެވެ.