އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރިން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭތަނެއް ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފައިވާއިރު އެމައްސަލައިގައި ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކުގެ ތެރޭގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށް އެދި ހުށަހެޅުމުންވެސް އެ ހެކިން ބަލައިގަނެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ ވެސް ހިމެނެއެވެ. އަދި މިމައްސަލައިގައި ހާމަކޮށްދޭން އެދުނު ލިޔެކިޔުންތަކެއް ހާމަކޮށްފައިނުވާ ކަމަށްބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްވެސް ހިމެނެއެވެ.
ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ނިންމުމަކަށްވީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭސަބަބެއް ނެތް ކަމަށެވެ. އަދި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކަށްވީ ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތު ބަލައިގަތުމާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށެވެ. އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޤުލަބިއްޔަތުން ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭސަބަބެއް ނެތް ކަމަށެވެ.
ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.