Last Updated: November 27, 21:29
Wednesday, November 27, 2024
ރިޕޯޓް

ވަތަނުގެ ރީތި ނަން ދިފާއުކޮށްދޭށެވެ.

ދިވެހި ޤައުމީ ދިދަ އާ ދިމާއަށް ބަލައިލެވޭ ކޮންމެ ފަހަރަކު އަޅުގަނޑުގެ ހިތަށް އަރަ އެވެ. ޖައްވުގެ ތެރޭގައި ވިހުރެމުން އެހެރަ ދަނީ ފެއްސާއި ރަތާއި ހުދު ގުޅާލެވިފައިވާ ފޮތިގަނޑެކެވެ.

އޭގައި އެ ވަނީ ވަރަށް ތަފާތު ތިން ކުލަ އެވެ. އެކަމަކު ދިވެހި ޖައްވުގެ ތެރޭގައި ވިހުރެމުން އެދަނީ ޤައުމުގެ ކަރާމަތާއި، ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން، އެ ދިދަ ދެކޭ ކޮންމެ މީހަކަށް ދައްކައި ދެމުންނެވެ.

އިރުވައި މޫސުމުގައި ހަޅައިގެ ބާރު ވަޔާއި، ހުޅަނގު މޫސުމުގެ ގަދަ ކޮޅިގަނޑުތަކާއި ގުޅިގެން އެ އުފެދޭ ގަދަ ވައިގެ ތެރޭގައިވެސް އެ ދިދަ އެ ހުންނަނީ ސާބިތުކަމާއެކު އޭގެ ވާޖިބު އަދާކުރުންމަތީގަ އެވެ. ގަދަ ކޮޅިގަނޑުގެ ތެރޭގައި އެ ދިދަ ވީދި ފުނޑުފުނޑު ވެގެން ގޮސް އެންމެ ފަހު ފޮތިކޮޅު އެ އައްސާފައިވާ ފޮތިކޮޅު ވަކިވެދާންދެން ވެސް އެ ހުންނަނީ އެގޮތުގަ އެވެ.

އެއީ ކޮންމެ ޤައުމެއް ކަމުގައި ވިއަސް އެ ޤައުމެއްގެ ޤައުމީ ދިދަ އެ ބުނެދެނީ ހާދަހާވާ ބޮޑު ވާހަކައެކެވެ. އެ ދައްކައި ދެނީ ހާދަހައި ރީތި މިސާލެކެވެ.

ޤައުމަށްޓަކައި އެ ޤައުމެއްގެ ފަރުދުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އަދާކުރަން ޖެހިފައިވާ ވާޖިބުތަކެއް އެބަ އޮތް ކަމެވެ. އެކަން އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ދަނޭބާއެވެ.

އަޅުގަނޑުމެންގެ މާޒީ އެ އޮތީ ފެންނާށެވެ. ޢިބްރަތްތެރި އެތައް ފިލާވަޅުތަކެއްގެ ތެރެއިންނެވެ. ޤައުމަށްޓަކައި ޝަހީދުވެ ދިޔަ އެތައް ބައެއްގެ ލޭކޯރުތައް ދިވެހި ޤައުމީ ފަސްގަނޑުގައި އަދިވެސް ފެންނަން އެބަ އޮތް ކަމުގައި ޤަބޫލުފުޅު ކުރައްވާށެވެ.

ޤައުމަށްޓަކައި ޖިހާދުކުޅަ ހިތްވަރުގަދަ ބަޠަލުންތަކެއްގެ ޝަރުފުވެރި ހަށިތައް މިޤައުމުގެ ފަސްގަނޑުގައި ވަނީ ވަޅުލެވިފައެވެ. އެ ޒިކުރާތައް ހަނދާންކުރަން ބޭނުންބަޔަކު މިއަދާއި ޖެހެންދެންވެސް އެކަން ކުރަމުން އެބަދެއެވެ.

ދެން އޮތީ މުސްތަޤުބަލެވެ. މިޤައުމުގެ މުސްތަޤުބަލާއިމެދު ޚިޔާލުކޮށް، ވިސްނާ ފިކުރު ކުރާކަށް މާޒީވެދިޔަ ޒަމާންތަކުގެ ދަރީންނެއް ދެން ދުވަހަކުވެސް ނާންނާނެ އެވެ. އަދި އަންނަނިވި ޖީލުތަކުގައި ދުނިޔެ އަށް އަތުވެދާނެ ދިވެހި ދަރިންނަކާ ވެސް އެކަން ހަވާލެއް ނުކުރެވޭނެ އެވެ.

އެއީ އެޖީލު އަދި ދުނިޔެއަށް ނާންނާތީއެވެ. އެހެންވީމާ މިޤައުމުގެ މުސްތަޤުބަލާއިމެދު ވިސްނަން ތިބި ބަޔަކީ މިޖީލުގެ ދަރިންކަން، އަޅުގަނޑުމެންކަން، ޝައްކެއް ވެސް ނެތި މިއޮތީ އެނގޭށެވެ. އެހެން ކަމަށްވާ ނަމަ އަޅުގަނޑުމެންގެ ވާޖިބުތަކެއް ވެސް އޮންނަން ވާނެތާ އެވެ. ވިސްނަން ޖެހޭ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ވެސް ހުންނާނެތާ އެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ޢިލްމީ އަލިކަމުގެ ތެރެއިން ލާފައި ފަހަތަށް، އަދި ހާލަތަށް ބަލާކަށް އެންމެ ސިކުންތަކަށް ވެސް މަޑު ޖެހިލުމެއް ނެތި މި ދަނީ ކުރިއަށެވެ. އިންސާނުން މި ތިބީ ތަރައްޤީ އާއި ތަހުޒީބުގެ އަޅުންނަށް ވެފައެވެ. ބޭނުންވަނީ މިނިވަންކަމެވެ. ތިމާގެ އަމިއްލަ ޙައްޤެވެ.

އެހެންމީހެއްގެ މިނިވަންކަމެއް، އެހެން މީހެއްގެ ޙައްޤެއް އެއީ އަހުރެމެން ފިކުރު ކުރަންވީ ކަމެއް ނޫނޭ ބުނަމުން މިދަނީ ކުރިއަށެވެ. އެދާ ދިއުމުގައި ހޯދަން ޖެހޭ ފައިސާގެ ތަނަވަސްކަން ލިބިގަންނަމުންނެވެ.

އަތުޖެހުނު ގޮތަކަށް އެތަނަވަސްކަން ހޯދަމުންނެވެ. ދީނަކަށް ޤައުމަކަށް މުޖުތަމަޢުއަކަށް މީހަކަށްވެސް ބަލާލުމެއް ނެތި އެވެ. އަދި އޭގެ ސަބަބުން އަހަރެމެންގެ ދިވެހި ވަންތަ ރީތި އަޚުލާޤީ، އިޖްތިމާޢީ ފޭރާމުގައި ޖެހެމުންދަނީ ކޮން ކުލަތަކެއްތޯ ބަލައި ވެސް ނުލަ އެވެ. ނުވަތަ އެރީތި ސާފު ހުދު ފޭރާމުގައި ކިހައްޑިޔަ ޖެހެމުން އެބަދާކަންވެސް އެނގިތިބެއެވެ.

ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ދެ ސައިކަލު ކުޑަކޮށް މަޑުކޮށްލަ ބަލާށެވެ. ދެން ހިޔާބޮޑު ގަހެއްގެ ދޮށަށް ހުއްޓި ބަލާށެވެ. އެއަށްފަހު ސައިކަލުން ފައިބާ ސައިކަލުގެ ކުރިއާއި ފަހަތުގެ ޓަޔަރަށް ނަޒަރު ހިންގާލަ ބަލާށެވެ. ގޭނިފައި އެބަހުރި ހެއްޔެވެ. ޓަޔަރު ފުރަތަމަ ގަނެގެން ގެނައިރު ހުރި ރާޅުކަން ނުވަތަ ފިތްތައް އެބަހުރި ހެއްޔެވެ. ނޫނެކެވެ. ނެތެވެ. ހުރީ އޮމާން ވެފައެވެ. ވިސްނާލަ ބަލާށެވެ.

އެއީ އެއް ދުވަހަކުން ކުއްލިއަކަށްވީ ކަމެއް ނޫނެވެ. އެފުރޮޅަށް، ރަބަރަށް، ގަލަށް އެ ވީގޮތެއް ބަލާކަށް ބޭނުމެއް ވެސް ނުވޭ ނޫންހެއްޔެވެ. ޓަޔަރު ބައުވީމާ ޓަޔަރު ބަދަލުކޮށްލީމާ ނިމުނީ އެވެ.

ލޮބުވެތި ދަރިންނަށް ދަންނަވަންއޮތީ މިވާހަކައެވެ. ތަހުޒީބުވަމުން ކުރިއަރަމުން ދާ ދުނިޔޭގައި ކިތަންމެ ބާރަށް އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވިއަސް އަދި އެހެން މީހުންނާ މެދު ޚިޔާލު ނުކުރިއަސް ޤައުމުގެ މުސްތަޤުބަލާ މެދު ވިސްނަން ޖެހޭނެ އެވެ. މިޤައުމަށް ވަމުންދާ ގޮތް އަބަދުވެސް ބަލާ އިސްލާހު ކުރަން ޖެހޭ ކަމެއް އޮތްނަމަ އެކަމެއް އިސްލާޙު ކުރަން ޖެހޭނެ އެވެ.

އެއީ ސައިކަލުގެ ޓަޔަރަށް އެވީގޮތް ޤައުމަށް ވެއްޖެނަމަ ދެން އަހަރެމެންނަށް އެހެން ޤައުމެއް ނުލިބޭނެތީ އެވެ. އަހަރެމެންގެ ޤައުމު ދެކެ އަހުރެމެން މިވާ ލޯބި އެހެން ޤައުމެއް ދެކެއެއް ނުވެވޭނެތީ އެވެ.

އެހެން ނޫން ނަމަ ތިމާގެ މައިމީހާދެކެ އެވާލޯބި އެހެން ކޮންމެ މީހަކު ދެކެވެސް ވާންވީ ނޫން ހެއްޔެވެ. އެކަމަކު ކިތަންމެ ވަރުން އުޅުނަސް އެ ލޯތްބެއް ނުވެވޭނެ އެވެ. އެކުލުނެއް ނުއުފެދެ އެވެ.

މިއަދު އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލާއިމެދު ވަރަށްބޮޑަށް ޚިޔާލު ކުރަން ވެއްޖެއެވެ. މަޒީގެ ތެރެއިން އަޅުގަނޑުމެންނާއި ހަމައަށް ލިބިފައިހުރި ހުރިހާ ރަނގަޅު، ރީތި ސިފަތަކެއް މުސްތަޤުބަލުގެ ދަރީންނާއި ހަމައަށް ފޯރުކޮށް ދިނުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅަން ވެއްޖެ އެވެ.

ބޭރުގެ ނުފޫޒުތައް މިއޮތްދަނީ ވަށައިގެން އޮހެމުންނެވެ. ޤައުމުތަކަށް ބޭނުންގޮތެއް ހަދަމުންނެވެ. އެހެންކަމުން އަޅުގަނޑުމެންވެސް ތިބެން ޖެހޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. ޤައުމު ދިފާޢު ކުރުމަށް ކަމަރު ބަނދެގެންނެވެ.

މުސްތަޤުބަލުގައި ޤައުމަށް ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވާއިރު އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަމަށް އިސްކަމެއް ނުދީ، އަޅާނުލާ ތިބެފައި ހަމަކުއްލިއަކަށް ނުކުމެ ކަންތައްތަކެއް ކުރެވިދާނެ ކަމަށް އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވާށެވެ.

އެއީ އެއްވެސް ބަޔަކަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ. އެކަމަކީ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމެވެ. ޤައުމީ ރޫޙުގައި ކަންކަން ކުރާން ދަސްކޮށް ދިނުމެވެ.

ޤައުމީ އެއްބައިވަންތަކަން އުފެއްދުމެވެ. މިކަން ކުރެވޭނީ އެތައް ބައެއްގެ މަސައްކަތުންނެވެ. އަމިއްލަ އެތައް ކަމެއް ޤުރުބާން ކޮށްގެނެވެ.

އަޅުގަނޑުމެން ދިވެހީންނަކީ ޒަމާނުއްސުރެ ޤައުމީ ކަންކަމުގައި ވަރަށް ވަރުގަދަ ޢަޒުމަކާއިއެކު މަސައްކަތް ކުރަމުން އައިބަޔަކީމުވެ. އާދަކާދައާއި ސަގާފަތް ދަމަހައްޓަމުން ވެސް އައި ބަޔަކީމު އެވެ. ދިވެހިވަންތަކަމަށް ލޯބި ކުރީމު އެވެ. ބޮޑެތި މީހުންނަށާއި މައިންބަފައިންނަށް ޤަދަރުކޮށް އިޙްތިތާމް ކުރީމު އެވެ.

ދީނީ ކަންކަމަށް އިސްކަންދީ އާއިލީ އެއްބައިވަންތަކަން ދެމެހެއްޓީމުއެވެ. އިޖްތިމާޢީ ގުޅުން ބަދަހި ކުރީމުއެވެ. ސުލްޙަ މަސަލަސްކަމަށް ލޯބި ކުރީމުއެވެ. މިއީ ހަމަ ޤައިމުވެސް ސާބިތު ކުރެވެންހުރި ޙަޤީޤަތްތަކެވެ. ބޭރުގެ މުވައްރިޚުންގެ ލިޔުއްވުންތަކުންނެވެ.

މުސްތަޤުބަލާ މެދު ވިސްނާއިރު ފުރަތަމަ ބަލަންވީ އަޅުގަނޑުމެންގައި އަށަގެންފައިހުރި މިދެންނެވި ސިފައިތައް އުނިވެގެން ނެތިގެން ދަނީ ކީއްވެގެންތޯއެވެ. ކޮން ބައެއްގެ އިޙުމާލުންތޯ އެވެ. އެކަމެއް ބަލާފައި އެކަންކަމަށް ފަރުވާ ކުރަންވީއެވެ. ނުވަތަ ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދަންވީ އެވެ.

މިއަދު އަޅުގަނޑުމެނަށް ލިބިފައި މިއޮތް ވަގުތުގެ ބޭނުން ނުހިފައި ދޫކޮށްލައިފި ނަމަ ފަހުން ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.

ލޯބިވާ ވަޠަނަކީ ހާދަ އަގުބޮޑު އެއްޗެކެވެ. އޮޑިޖެހި ނޫޓަކުން، އަދި ބުދުޖެހި ނޫޓަކުންވިއަސް ވީދި ފުނޑުފުނޑުވެފައިވާ އިޖްތިމާޢީ ފޭރާމެއް ނުގަނެވޭނެއެވެ. ދެން އެގަނެވޭނީ އަނެއްކާވެސް ޤައުމީ ލޯބިންނެވެ.

އެހެންވީމާ އަޅުގަނޑުމެންގެ ޤައުމަށް ލިބިފައިވާ ރީތިނަން ދިފާޢު ކުރުމަށް އަތުކުރި އޮޅާލަން ވެއްޖެއެވެ. ވަކި މީހަކު ނޫނެވެ. ފައި އިންދޭ ފުރައިންނެވެ.