އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފައިވީ ނަމަވެސް އަދިވެސް އެ ސަރަހައްދުން ދުމުގެ އަސަރު ވަރަށްބޮޑަށް ކުރަމުންދާތީ، ދުން އެރުން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި މުއައްސަސާތައް ގުޅިގެން ޙާއްޞަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަންގައި، އަލިފާން ރޯވި ސަރަހައްދުގައި ހުރި ކުނިތަކުގެ އަޑީގައި އަލިފާނުގެ އަސަރު ހުރުމުން އެކްސްކަވޭޓަރެއް ބޭނުންކޮށްގެން އެސަރަހައްދު ކޮނެ ކުނިތައް އެއްފަރާތްްކޮށް، ފެން ޖަހައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަވިސް، ގަން އިންޓަނޭޝަނަލް އެއަޕޯޓް، އެމްޓީސީސީ، ޕޮލިސް އެކެޑަމީ، ވަން އޫޑްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ސަރަހައްދުން ވަރަށް ބޮޑަށް ދުން އަރަމުންދާއިރު އެ ސަރަހައްދުން ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތަށް ނޫނީ ނުކުރުމަށް އައްޑޫ ސިޓީ ޕޮލިސް އިން އެދިފައިވެ އެވެ.