Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ހަތަރު ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒު އަޅަން ހަވާލުކޮށްފި

ހަތަރު ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތަކެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދ. މާއެނބޫދޫ, ތ. ތިމަރަފުށި އަދި ތ.ގުރައިދޫގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހެދުމަށްޓަކައި ވެހިކަން ބިލްޑާސްއާ ވަނީ ހަވާލުކޮށްފަ އެވެ.

އަދި ފ. ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ވެހިކަން ބިލްޑާސް އާއި ހަވާލުކޮށްފަ އެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރު އެެވެ. ވެހިކަން ބިލްޑާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދު އެެވެ.

މިއަދު ހަވާލުކުރެވުނު މި ހަތަރު މަޝްރޫއުގެ އަގަކީ ޖުމްލަ 17,8 މިލިއަން ރުފިޔާ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއު ނިމުމުން، މި ހަތަރު ރަށުގައިވެސް ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒުން (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ދ. މާއެނބޫދޫ, ތ. ތިމަރަފުށި, ތ. ގުރައިދޫ އަދި ފ. ނިލަންދޫ ގައި ގާއިމުކުރާ ނިޒާމާއެކު ރަށުގައި ކުނި އެންދުމާއި ޖަމާވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢުގެގެ ތެރެއިން ގާއިމު ކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާހާނާ ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގަ އެެއްވެސް ހިމެނެ އެވެ. އަދި މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިން ސްކޭލްވެސް ބެހެއްޓިފައިވާނެ އެވެ.

މި ހަތަރު މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޝޭންޖް އެންޑް ޓެކްނޯލޮޖީ އިން ޒޯން 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.