ނިއުކްލިއާ ހަކަތައާ ގުޅުން ހުރި މަސައްކަތްތައް ޖަރުމަނުން ކުރާތާ 60 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެކަން ހުއްޓާލައިފި އެވެ.
އެ ގައުމުން މިހާތަނަށް ކުރަމުން އައި ނިއުކްލިއާ ހަކަތައާ މަސައްކަތްތައް އެއްކޮށް ނިމުމަކަށް ގެނައީ އެންމެ ފަހުން ހުރި ނިއުކްލިއާ ތިން ޕްލާންޓް ވެސް އިއްޔެ ބަންދުކޮށް، ބޮޑު ތަޅު އެޅުވުމަށް ފަހު އެވެ.
މި ނިންމުމާ ބެހޭ ގޮތުން ޖަރުމަންގެ އެންވަޔަރަމަންޓް އެންޑް ކޮންޒިއުމާ ޕްރޮޓެކްޝަންގެ ފެޑެރަލް މިނިސްޓަރު ސްޓެފީ ލެމްކީ ވިދާޅުވީ ނިއުކްލިއާ ހަކަތަ އަކީ އެއްގޮތަކަށް ވެސް ތިމާވެއްޓާ ރައްޓެހި އެއްޗެއް ނޫން ކަމަށެވެ. އެހެންވެ އެކަމުގެ ތެރެއަށް ދެން ޖަރުމަނުން ނުވަންނާނެ ކަމަށް ބުންޏެވެ.
"މިކަމުގައި ސަރުކާރުގެ ނިންމުން ވަރަށް ސާފު. ނިއުކްލިއާ ހަކަތަ އަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި އެއްޗެއް ވެސް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ޖަރުމަނުން ދެން މަސައްކަތް ކުރާތީ ހަކަތަ އުފެއްދުމުގެ އާ ދައުރެއް، އާ މަރުހަލާއެއް ކަމަށެވެ. އަދި މިކަން ވާނީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި، ދެމެހެއްޓެނިވި އަދި ފައިދާ ވެސް ބޮޑު ކަމަކަށް ކަމަށް ވިދާޅުވި އެވެ.