Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

މީދޫން ވެއްޔާއި އަކިރި ނަގާތީ އިންޒާރެއް

އައްޑޫ މީދޫގެ ގޮނޑުދޮށުން ބައެއް މީހުން ވެއްޔާއި އަކިރި ނަގާތީ އެއީ މަނާ ކަމެއްކަން ހަނދާންކޮށްދީ، އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލުން ދީފި އެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މީދޫ އަކީ މިހާރު ވެސް ގިރުމުގެ މައްސަލަ ބޮޑުވެ، ގޮޑުދޮށް ހިމާޔަތް ކުރުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޖައިކާ ގުޅިގެން ސާވޭތަކެއް ކުރަމުން އަންނަ ރަށެއް ކަމަށެވެ.

ނަމަވެސް، އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މީދޫގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުންޏެވެ. އަދި ވެއްޔާއި އަކިރި ނަގައިގެން ވިއްކަމުންދާ ކަމުގެ މަޢުލޫމާތު ވެސް މީދޫ އަވަށު ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ މިކަން ހުއްޓުމުވުމަށްޓަކައި ހުޅުމީދޫ ޕޮލިހާއި އާއި މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރުން ޙަރަކާތްތެރިވާނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެއްވެސް ފަރާތަކުން ގޮނޑުދޮށުން ވެލި ނަގާ ތަން ފެނިއްޖެ ނަމަ ނުވަތަ ވެލި ނަގައި ވިއްކާ ކަމުގެ މަޢުލޫމާތު ލިބިއްޖެ ނަމަ 7789041 ނަމްބަރަށާއި ހުޅުމީދޫ ފުލުހުންގެ ނަންބަރު 9791366 އަށް ގުޅައި ހިއްސާކުރަން އެދިފައިވެ އެވެ.

ކައުންސިލުން ބުނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ހ) ދަށުން، ވެއްޔާއި އަކިރި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނަކުން ވެއްޔާއި އަކިރި ނެގުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ޤުދްރަތީ ތިމާވެއްޓާއި، ޤުދުރަތީ ވަޞީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކައުތެރިކޮށް ދެމެހެއްޓުމާއި، ރަށްގިރުމާއި ރަށުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ރަށް ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއްކަން ވެސް ކައުންސިލުން ހަނދާންކޮށް ދީފައިވެ އެވެ.