Last Updated: November 24, 13:27
Sunday, November 24, 2024
ރިޕޯޓް

އައްޑޫ ކުނިކޮށި އާންމު އުނދަގުލަކަށް!

ކުނިކޮށިން ދުން އަރަނީ: މިތަނުގައި ރޯވީ މި މަހުގެ 10 ގައި. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ކުނިކޮށި މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ. މި މަހުގެ 10 ގައި ކުނިކޮށީގައި ރޯވި ފަހުން އެތަނުން އަރާ ދުން އަދިވެސް ކޮންޓްރޯލެއް ނުވެ އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ނަގާ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯ އިން ކުރަނީ ލިންކް ރޯޑްގައި އޮތް ކުނިކޮށީގަ އެވެ. މިތަން އޮންނަނީ އައްޑޫ ޕޮލިސް ކޮލެޖް ކައިރީގަ އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދުއްވާ މަގެއްގައި ވަރަށް ހާމަކަން ބޮޑުކޮށް އޮތް ތަނެކެވެ. އެތައް ބާވަތެއްގެ ކުނި އެތަނަށް ކޮންމެ ދުވަހަކު ވެސް ޖަމާކުރެ އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކުނިކޮށީގައި ރޯވެ، އެރޭ އަލިފާންގަނޑު ކުނިކޮށީގެ ބޮޑު ސަރަހައްދަކަށް ފެތުރި އެތަން ނިއްވައިލަން އެތައް ގަޑިއިރަކަށް މަސައްކަތް ކުރަން ޖެހުނެވެ. އެގޮތުން އެރޭ އަލިފާން ނިއްވަން ފެށި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ޖެހިގެން އައި ދުވަހުގެ މެންދުރު ފަހުންނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނަސް ދުން އެރުން ނުހުއްޓެވެ. ކުނިތަކުގެ އެންމެ އަޑީގައި އަދިވެސް އަލިފާނުގެ އަސަރު ހުރުމާ އެކު، ދުމުގެ އަސަރު މުޅި ސަރަހައްދަށް އޮތީ ފެތުރިފަ އެވެ. ބޯދުމެވެ. ނުބައި ވަހެވެ.

އާންމު ސިއްހަތުގެ ނަޒަރިއްޔާ އިން ބަލާ ނަމަ ހަމަ ސިއްހަތަށް ގެއްލުން ހުރި ކަންކަމެވެ. ދުން އެރުން ނުހުއްޓި، ދުން އަރަމުންދާތީ އަދިވެސް ކުނިކޮއްޓށް ފެން ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މައިގަނޑު ގޮތެއްގައި އެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާ އާއި އައްޑޫގެ އެ ނޫން ވެސް އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަނީ ރޭގަނޑު އެވެ.

ފުލުހުން އަންނަނީ ކުނިކޮއްޓާ ދިމާލުގައި ބެރިކޭޑް ބަހައްޓައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ލިންކް ރޯޑަކީ އެތައް ބަޔަކު އެކި ބޭނުންތަކުގައި ދަތުރުކުރާ އައްޑޫގެ އާންމު މަގެކެވެ. ހިތަދޫން ގަމަށް ވަޒީފާ އަދާކުރުމަށާއި އަދި އެ ނޫން ވެސް ބޭނުންތަކުގައި އެ އަވަށުން އެތައް ބަޔަކު ކުނިކޮށި ހުރަސްކޮށްފައި ދާން ޖެހެ އެވެ. ގުޅިފައިވާ އަވަށްތަކުން ވެސް މީހުން އެކި ބޭނުންތަކުގައި ހިތަދު އަށް ކޮންމެ ދުވަހަކު ވެސް ދާން ޖެހޭތީ ކުނިކޮށި ސަރަހައްދުން ދަތުރުނުކޮށް ވާކަށް ނެތެވެ.

އެކަމަކު ކުނިކޮށި އަރަމުންދާ ދުމާ ހެދި މިކަން މިހާރު ވެފައި އޮތީ ނުރައްކަލަށެވެ. ބައެއް ވަގުތަކުގައި ދުންގަނޑު ބޯވެ، މަގުގެ ކުރި ނުފެންނަ ގޮތް ވެސް އެބަދިމާވެ އެވެ. އެހެންވެ ސައިކަލާއި ކާރުގައި ވެސް ދަތުރުކުރާ އިރު ވަރަށް ފަރުވާތެރިވާން ޖެހެ އެވެ.

ހާއްސަކޮށް ސައިކަލުގައި ދަތުރުކުރާ މީހުން ދުމުން ރައްކާތެރިކަން ހޯދަން ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ކުނިކޮށި އޮތް ދިމާލުގައި ދަތުކުރާ އިރު، ހެލްމެޓް އަޅައިގެން ހުއްޓަސް ދުމުން ރައްކާތެރި ކަމެއް ނުހޯދޭނެ އެވެ. އެހެންވެ އެ ދުމުން ސަލާމަތްވުމަށްޓަކައި މާސްކް އެޅުމަކީ މުހިއްމު ކަމެކެވެ.

ކުނިކޮއްޓަކީ އެތައް ބާވަތެއްގެ ކުނި ޖަމާކޮށްފައި އޮތް ތަނަކަށްވުމާ އެކީ އެ ތަނުގައި ރޯވެ އަރާ ދުމުގައި ސިއްހަތަށް ގެއްލުން ވެދާނެ މާއްދާތަކެއް ވެސް އެކުލުވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ މި ދުމުން ރައްކާތެރިވާން އާންމުން ފިޔަވަޅު އަޅަން ހާއްސަ ސަމާލުކަމެއް ދިނުން ނޫން ގޮތެއް މިހާރަކު ނެތެވެ. ހާއްސަކޮށް ފުއްޕާމެ އާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން އިތުރަށް ފަރުވާތެރިވާށެވެ.

ކުނިކޮށި މި ހާލަތުގައި ކިހާ ދުވަހަކަށް ދެމިގެން ހިނގައިދާނެ ކަމެއް ނޭނގެ އެވެ. އެތަނުގައި ދުމުގެ އަސަރު ހުރި މިންވަރަށް ބަލާ އިރު، އަވަހަކަށް މިކަމުން ސަލާމަތްވާނެ ކޮޅުމައްޗެއް އަދިއެއް ފެންނާކަށް ނެތެވެ. އަނެއްކޮޅުން އައްޑު އަށް ވާރޭ ވެސް ނުވެހޭތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، މިއީ ހޫނު ގަދަ ދުވަސްވަރެކެވެ. އެހެންވެ ކުނިކޮށީގެ ހާލަތު ގޯސްވުމަކީ ވެސް ހަމަވުން އެކަށީގެންވާ ކަމެކެވެ.

އެހެންވެ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވެސް މުހިއްމެވެ. އެތަން ނިއްވަން ހުއްޓުމެއް ނެތި ފެން ޖަހަނީ ވެސް އެ މަގުސަދުގަ އެވެ.

ކުނިކޮށީގެ ހާލަތު މިހާރު އޮތް ގޮތުން އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުކަން ދިނުން މުހިއްމު ކަންތައްތަކެއް އައްޑޫ ފުލުހުން ވެސް ހިއްސާކޮށްފައިވެ އެވެ.

* ހުރިހާ ވެހިކަލް ތަކުގައި ހެޑް ލައިޓް/ފޮގް ލައިޓް ޖައްސައިގެން އެ ސަރަހައްދުން ދުއްވުން
*👈🏻ކުނިކޮށި ސަރަހައްދުން ދުއްވާ އިރު ސްޕީޑް މަޑުކުރުން
* ދެ ފުރޮޅުލީ އުޅަނދު ދުއްވާ އިރު މާސްކް އެޅުން
* ދުމުގެ އަސަރު ކޮންޓްރޯލް ވަންދެން ވީހާ ވެސް މަދުން އެ ސަރަހައްދުން ދަތުރު ކުރުން

މިއީ މި ވަގުތަށް ތަބާވުން ވަރަށް މުހިއްމު ކަންތައްތަކެވެ. އެހެންވެ ފަރުދީ ޒިންމާއެއްގެ ގޮތުން ވެސް މިކަންކަމަށް ސަމާލުކަން ދޭން ޖެހެ އެވެ.

އައްޑޫ ކުނިކޮށީގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ރޯވެފައިވެ އެވެ. އެކަމަކު މި ފަހަރު ގޮތަށް ދިގުދެމިގެން ގޮތަށް ދުން އެރުން ނުހުއްޓި އެހާ ގިނަ ދުވަސްވެފައެއް ނުވެ އެވެ.

ކުނިކޮށީގެ މި ހާތަލާ ހެދި އަބަދުވެސް އާންމުން ކުރާ ބޮޑު ސުވާލެއް އޮވެ އެވެ؛ މި ނޫން ތަނަކަށް ކުނިކޮށި ބަދަލުކުރެވޭނީ ކޮން އިރަކުން ހެއްޔެވެ؟ ސަބަބަކީ ކުނިކޮށި އަބަދު ވެސް އާންމު އުނދަގުލަކަށްވެފައި އޮތުމެވެ. އުފާކުރަން ޖެހޭ ކަމަކީ އަދި ނަސީބަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި މިތަން އޮތް ކަމެވެ.