އައްޑޫސިޓީ މަރަދޫގެ ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުން މޫދު ވިނަ ނަގައިގެން ގޮސް، ފޭދޫ ބައެއް ސަރަހައްދުގައި އިންދުމުގެ މަސައްކަތެއް ވެން އޫޑް ކުންފުނިން ފަށައިފި އެވެ.
އައްޑޫލައިވްއާއި ވާހަކަ ދައްކަމުން އެކުންފުނިން ބުނީ، މަރަދޫ ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުން މޫދު ވިނަ ފޭދޫގެ ކަނޑައެޅޭ ސަރަހައްދުތަކުގައި އިންދުމުގެ މަސައްކަތް ކުރަނީ އެކުންފުނިން ގެންދާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. މީގެ ސަބަބުން މިފަދަ މަސައްކަތެއް ކުރިއަށް އޮތް ތަނުގައި ކުރުމަށް ބޭނުންވާ މައުލޫމާތު ލިބި، އަދި މިއީ ކުރެވިދާނެ ކަމެއްތޯ ޔަޤީން ކުރެވޭނެ ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.
މަރަދޫ ފުއްޓަރު ސަރަހައްދުން 76 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު މި ސަރަހައްދުގައި ވަރަށް ބޮޑަށް މޫދު ވިނަ ހެދިފައި އޮވެއެވެ. އަދި މި ސަރަހައްދަކީ ޤުދުރަތީ ދިރުންތަކުގެ މުއްސަނދިކަންވެސް ލިބިފައިވާ ސަރަހައްދެއް ކަމަށް ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ.
ވެން އޫޑު ކުންފުނިން ބުނީ މިމަސައްކަތަކީ މީގެ ކުރިން އެއްވެސް ވަރަކަށް ކުރެވިފައިވާ މަސައްކަތަކަށް ނުވުމުން، މީގެ ނަތީޖާ ބުނަން ދަތި ކަމަށެވެ. ނަމަވެސް ކުރިއަށް ހުރި މަޝްރޫޢުތަކަށް މުހިންމު މައުލޫމާތުތަކެއް އެއްކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިމަސައްކަތުގައި އެއް ބޭނުމަކީ ތިމާވެއްޓާއި މެދު ރަށުގެ ރަށްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށްވެސް އެކުންފުނިން ފާހަގަ ކުރެއެވެ.
ވެން އޫޑް ކުންފުނިން ވަނީ ފޭދޫ ސްކޫލުގެ ދަރިވަރުންވެސް މިމަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ރެސިޕިއަންޓް ސައިޓުތައް މޮނީޓަރ ކުރަމުންދާނެ ކަމަށް ބުނެފައެވެ.