Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޓަނަކަށް ވުރެ ބަރު ދަލެއް ފަރެއްގެ މަތިން ނަގައިފި

ޖޯލި މޯލްޑީވްސް ޓީމުން ނެގި ދާ / ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

ރާއްޖޭގެ ފަރެއް މައްޗަށް ދޫކޮށްލާފައިވާ އެއްޓަނަށް ވުރެ ބަރު ދަލެއް ނަގައިފިއެވެ.

މި ދާ ނުވަތަ ގޯސްޓް ނެޓް ނަގާފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމަކުންނެވެ. ރާއްޖޭގައި ވެލާ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ އަމިއްލަ ޖަމީއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން މިކަމުގެ މައުލޫމާޓު ހިއްސާކޮށް ބުނެފައިވަނީ މި ދާ ނެގުމަށް ގާތްގަނޑަކަށް 7 ގަޑިއިރު ހޭދަވި ކަމަށެވެ. އެގޮތުން ދާ ތިލަ ފަރެއްގެ މަތީގައި އޮއްވާ ނަގައި، ފުންކޮށް އެ ރިސޯޓަށް ދާ ގެންގޮސްފައިވާ ކަމަށް އެޖަމީއްޔާއިން ބުނެއެވެ.

މި ދާ ޓަނަކަށް ވުރެ ބަރުވާނެ ކަމަށް އެޖަމީއްޔާއިން ބުނެއެވެ. އަދި ދަލުން މުހިންމު އެކި ސާމްޕަލް ތަކެއް ރިސޯޓުގެ ފަރާތުން ނަގައި ދީފައިވާ ކަމަށް އެޖަމީއްޔާއިން ބުނެއެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިގޮތަށް ކަނޑަށް ދޫވެފައި ހުންނަ ގޯސްޓް ގިއަރ ނުވަތަ އެކި އާލަތްތައް ނެގުމައި މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށްވެސް ޖަމީއްޔާއިން ބުނެއެވެ.

އެ ޖަމީއްޔާއިން ދަނީ މިފަދަ ގޯސްޓް ނެޓްތައް އޮންނަ ސަރަހައްދުތައް ބަލައި އެ ތަކެތި ނެގުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެފަދަ އާލާތެއް ފެނިއްޖެ ނަަމަ އެފަރާތައް ރިޕޯޓް ކޮށްދިނުމަށް އެދެއެވެ. ރިޕޯޓް ކުރާނީ އެ ޖަމީއްޔާގެ ވެބްސައިޓު މެދުވެރިކޮށެވެ.