ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ ފްލެޓް އިމާރާތް "ސިފްކޯ ހިޔާ"ގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމި އެތަންތަނުން ފްލެޓް ލިބޭ ސިފައިންގެ އާއިލާތައް ދިރިއުޅެން ފަށާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދައުލަތުގެ މީޑިއާގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ ސިފައިންނާއި، ސިފައިންގެ އާއިލާތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
އެހެންވެ އެ ދަތިކަމަށް ހައްލެއް ހޯދަން ހިންގާ "ސިފްކޯ ހިޔާ" މަޝްރޫއަކީ ވަރަށް ގިނަ ސިފައިންގެ އުންމީދުތަކާ ގުޅިފައިވާ ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ނުނިމި ގާތްގަނޑަކަށް 10 އަހަރު ދިގުލައިގެން ނަމަވެސް މި އަހަރަކީ ސިފްކޯ ހިޔާގައި ސިފައިން ދިރިއުޅެން ފަށާނެ އަހަރު ކަމަށެވެ.
އަބްދުއް ރަހީމް ވިދާޅުވީ ފްލެޓްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަަމަށާއި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ފްލެޓްތަކުގައި ދިރިއުޅެން ފެށޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި "ސިފްކޯ ހިޔާ" ގެ ނަމުގައި ފްލެޓް އަޅަން ބިންގާ އެޅީ ސެޕްޓެމްބަރު 2، 2013 ގަ އެވެ. އެއީ 330 ފުލެޓެވެ.
ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ މަޝްރޫއުގެ އޭރުގެ ކޮންޓްރެކްޓަރު ނޫމަޑި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ކުރީ ސަރުކާރުން ބާތިލުކުރުމާއި ގުޅިގެންނެވެ.
ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އިރު އެތަންތަން ވީއެންމެ އަވަހަށް ނިންމައި ހަވާލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެހެންކަމުން އެ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.
"ސިފްކޯ ހިޔާ" ގެ ފްލެޓްތައް ނިމުމުން ހުންނާނެ ގޮތުގެ ނަމޫނާއެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދައްކާލާފައިވެ އެވެ.