Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ކޮތަޅުގެ އަގު ހެޔޮކުރަން ތާއީދެއް ނޫން: ނަޝީދު

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރަން ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއެކު ކޮތަޅު ބޮނޑީގެ އަގުވަނީ ބޮޑުތަނުން ބޮޑުވެފަ އެވެ. އެއާއެކު އާންމުންގެ ނުރުހުން އިންތިހާ އަށް ގޮސްފައިވާއިރު ސަރުކާރުން މިހާރު ވަނީ ކޮތަޅު އަގު ބޮޑުވުމުގެ މައްސަލަ އަށް ހައްލު ގެންނަން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާހު ގެންނަން ނިންމައިފަ އެވެ. އެ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުން ކަމަށާއި ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައެޅުމުގެ ގޮތުން ޓެކްސް ބޮޑުކޮށްގެން ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވަނީ އެކަން އެނގިތިބެގެން ކަމަށްވެސް ވިދާޅުވި އެވެ.

"ޕްލާސްޓިކު ކޮތަޅުގެ އަގު ބޮޑުކުރީ އެނގި ތިބެ. އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމަށެވެ.

"އަޒުމެއް، މީޒާނެއް ނެތް. ލީޑަޝިޕަކީ ކުރިއަށް ނުކުމެ، ކަންކަމާ ކުރިމަތިލުން. ބަދަލު ގެނެވޭނެ ހިތްވަރު ހުރީމަ." ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ ކޮތަޅުން ފީ ނެގުން އިސްތިސްނާވާ އެއްޗެހީގެ ތެރޭގައި ކޮތަޅު ބޮނޑި ހިމަނަން ހުށަހަޅާފަ އެވެ. މި އިސްލާހުގައި ވަނީ މި ގާނޫނު ފާސްކުރިއިރު ރާއްޖެއަށް ކުނި އިމްޕޯޓް ކުރުން ހުއްދަ ކޮށްފައި އޮތް އޮތުން މަނާކުރުމަށް ވެސް ހުށަހަޅާފަ އެވެ.