ޓްވިޓާގައި "ހަސަން ކުރުސީ" ގެ ނަމުގައި އެކައުންޓެއް ހިންގަނީ ކާކުތޯ ބެލުމުގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ތަހުގީގު މިހާރު ކުރިއަށްދާކަން ފުލުހުން ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ވަރަށް ގިނަ ބަޔަކު ހާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ ވަރަށް ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި "ހަސަން ކުރުސީ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެއީ ނަޝީދު ކަމަށް ވަރަށް ޔަގީންކަމާ އެކީ އެ މަނިކުފާނުގެ ޕާޓީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެއްޖެ އެވެ.
އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ހިމެނިވަޑައިގަނެވެ އެވެ.
Hassan Kurusee ge namugai hingaa twitter account ge olhunthah balllava dhevvumah edhi alhugadu MPS ah fonuvi sitee pic.twitter.com/wu7T0KUulu
— Mohamed Nasheed (@MohamedNasheed) April 18, 2023
"ހަސަން ކުރުސީ" އެކައުންޓުން މީސްމީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކައި، މީހުންގެ އަބުރު ކަތިލާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ނަމަވެސް "ހަސަން ކުރުސީ" އަކީ އެ މަނިކުފާނު ނޫން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އަދި އެ އެކައުންޓްގެ އަސްލު ހޯއްދަވައި ދެއްވަން ފުލުހުންނަށް ހުށަހެޅުއްވީ ވެސް ނަޝީދެވެ. "ހަސަން ކުރުސީ" ގެ ސަބަބުން އިންތިހާ އަށް ގެއްލުންތަކެއް ލިބިވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، ނަޝީދު އެކަން ފުލުހުންނަށް ހުށަހެޅުއްވީ މި މަހުގެ 17 ގަ އެވެ.