ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ އަންހެނުން ސުޒޭން ރޯޝަންގެ ވަރީގެ ވާހަކައަކީ މިދިޔަ އަހަރުގެ ފަހުކޮޅު ބޮލީވުޑް ސިއްސުވާލި ހަބަރެކެވެ.
ދެ ކުދިން ވެސް ލިބިފައި ވަނިކޮށް، ކައިވެންޏަށް 13 އަހަރު ފަހުން އެ ކައިވެނި ރޫޅާލި ވާހަކަ އަދިވެސް ދޫދޫމަތިން ދެކެވޭލެއް މަދެއްް ނޫނެވެ.
ހަމައެއާ އެކު މީހާރު މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ ކޯޓް މެދުވެރިކޮށް ވަރީގެ ފަހުގެ މަރުހަލާތައް ނިމުމަކަށް އަންނަ އިރު، ރިތިކްގެ ފަރާތުން ސުޒޭން ފައިސާގެ ބޮޑު އަދަދެއް ހޯދަން ޑިމާންޑްކޮށްފައިވާ ވާހަކަ އެވެ.
އެއީ 400 ކްރޯޑް ރުޕީސް އެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަންގެ މިލްކިއްޔާތުގައި ހިމެނޭ ބައެއް އިމާރާތްތައް ވެސް ހިމެނޭ ކަމަށްވެ އެވެ.
އެގޮތުން މުމްބާއީގެ ލޮޓަސް ބިލްޑިންގުން ރިތިކް ގަނެފައިވާ ފްލޯތަކުގެ ތެރެއިން ބައެއް ފްލޯތަކާއި ސިންގަޕޫރުން ގަނެފައިވާ އެޕާޓްމަންޓްގެ އިތުރުން ވެސް އޭނާގެ ބައެއް މުދާތަކުން ސުޒޭނަށް ބައިއެޅުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ވާހަކަތަކާ އެކު ރިތިކް ވަނީ ރަތަށް އަރައިފަ އެވެ. އޭނާގެ ވަރި އާ ބެހޭ ގޮތުން މީޑިއާތަކުން ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ރިތިކް ވަނީ ބުނެފަ އެވެ.
އޭނާގެ ޓްވިޓާ ޕޭޖްގައި މީޑިއާތަކުގެ ވާހަކަތަކަށް ރިތިކް ވަނީ ރައްދު ދީފަ އެވެ. އޭނާ ބުނީ ހަގީގަތެއް ނެތް ވާހަކަތަކެއް ހަދައިގެން ދެއްކުމުގެ ސަބަބުން އޭނާގެ އާއިލާ އަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ކެތްތެރިކަން އިމްތިހާން ކުރެވެމުންދާ ކަމަށް ރިތިކް ވަނީ ބުނެފަ އެވެ.
ވަރީގެ ބަދަލެއްގެ ގޮތުން ސުޒޭން އަށް ރިތިކްގެ ފަރާތުން 400 ކްރޯޑް ރުޕީސް ލިބޭނެ ކަމަށް ބުނެ ފަތުރާ ވާހަކަތަކާ ބެހޭ ގޮތުން ސުޒޭން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެހެން ނަމަވެސް ރިތިކް އާއި ސުޒޭން އާ ވެސް ގާތް ގުޅުމެއް އޮންނަ މީހަކު ބުނި ގޮތުގައި އެ ދެ މީހުންގެ ވަރީގެ މައްސަލައިގެ ތެރެއަށް ފައިސާގެ އެއްވެސް މުއާމަލާތެއް މިހާތަށް ވަދެފައެއް ނުވެ އެވެ.
އަދި އެއީ އެއް އިރެއްގައި ވެސް ވާހަކަ ދެކެވުނު އިޝޫއެއް ނޫން ކަމަަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސުޒޭން އާއި ރިތިކްގެ އާއިލާއަކީ ވެސް ވަރަށް ފުދިގެން އުޅޭ ދެ އާއިލާ ކަމަށެވެ. އެހެންވެ މިކަހަލަ މައްސަލައެއްގެ ތެރެއަށް ފައިސާގެ ނުފޫޒެއް ވަދެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ރިތިކާއި ސުޒޭންގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އަދި 2001 ގައި ކުރި އެ ކައިވެނި ނިމުމަކަށް އައިސްފައި ވަނީ ރިތިކް އާ އެކު އުޅެން ބޭނުން ނުވެގެން ސުޒޭން ވަރިއަށް އެދުމުންނެވެ.
އެހެން ނަމަވެސް އެހާ ލޯބިން އުޅެފައި ދެ މީހުން ވަކިވާން ޖެހުނު ސީދާ ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ކައިވެނި ރޫޅެން ދިމާވީ ރިތިކްގެ ވަފާތެރިކަމާ ދޭތެރޭ ސުޒޭނަށް ސުވާލް އުފެދިގެންނެވެ.