ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މާދަމާ އިން ފެށިގެން ބޮޑުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމުމާ ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ރައީސަށް ޝުކުރު އަދާކުރަައްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރަ އަށް ގެނެސްދެއްވި ހެޔޮ ބަދަލާއި ކުރިމަގު ތަނަވަސްކޮށްދެއްވިކަމަށްޓަކައި އެ ޚިދުމަތްތެރިންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ގެނައި ބަދަލަށް ބަލާ އިރު، ރެޖިސްޓަޑް ނަރުހެއްގެ މުސާރަ މިހާރު ވަނީ 29،271ރ. އަށް ބޮޑުކޮށްފަ އެވެ. ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976ރ. ރުފިޔާ އަށް ބޮޑުކޮށްފަ އެވެ.
ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރައަށް ގެނެސްދެއްވި ހެޔޮބަދަލާއި ކުރިމަގު ތަނަވަސް ކޮށްދެއްވިކަމަށްޓަކައި އެ ޚިދުމަތްތެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިިޙް އަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަން. @ibusolih
— Ahmed Naseem (@KerafaNaseem) April 30, 2023
ސީނިއަ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727ރ. ކަމަށް ވިޔަސް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް ދެން މަހަކު 41،541ރ. ލިބޭނެ އެވެ. ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137ރ. އަށް ބޮޑުކޮށްފަ އެވެ.
ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944ރ. ނަމަވެސް މުސާރަ އަށް ގެނައި ބަދަލާ އެކީ އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް ދެން މަހަކު 21،585ރ. ރުފިޔާ ލިބޭނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9،838 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނާނެ އެވެ. ކަމަށެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.