ފަސް ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ގާއިމުކުރަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ސައުދީ ފަންޑުގެ އެހީގައި ގާއިމުކުރާ މި ޕްލާންޓްތައް ހަދަން ނިންމާފައި ވަނީ ހއ. ދިއްދު އާއި ގދ. ރަތަފަންދު އާއި އއ. ރަސްދު އާއި ދ. މީދޫގެ އިތުރުން ލ. މާމެންދޫގަ އެވެ.
މި ރަށްތަކުގައި އައިސްޕްލާންޓް ހެދުމުގެ އެއްބަސްވުބްތަކުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ޔާމީނެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު މިއަދު ވަނީ ސޮއި ކުރައްވައިފައެވެ . pic.twitter.com/7o9JrTkrlh
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 30, 2023
ފަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އައިސް ޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރީ އެ ޕްލާންޓްތައް ގާއިމު ކުރުމަށް މީގެ ކުރިން ވެސް މިނިސްޓްރީގެ ފަރާތުން އައިސްޕްލާންޓް ޤާއިމްކޮށްދޭނޭ ބަޔަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލުމުން އެކަށީގެންވާ ބީލަމެއް ނުލިބި ލަސްވެގެން ދިޔުމުގެ ސަބަބުން ކަމަށެވެ.
އެހެންވެ ސައުދީ ފަންޑާއި ދިވެހި ސަރުކާރާ މަޝްވަރާކޮށްގެން، ފެނަކައާ ހަވާލުކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތް ހަވާލުކުރީ 8 މަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.