ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ސަރަހައްދަށް ކުރަމުން ދާތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުގައި މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން އާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާ ކަމަށެވެ.
Having met the criteria to decide the onset of Southwest Monsoon over the Maldives, this year's SW Monsoon has been declared on 3rd May 2023. pic.twitter.com/mifAqxpzQH
— Maldives Meteorology (@MetMaldives) May 4, 2023
މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ.