ޔޫޓީވީ މޯޝަން ޕިކްޗާސް އިން ޕްރޮޑިއުސް ކުރާ އާ ފިލްމް "ކައްޓީ ބައްޓީ" ގެ ލީޑް ރޯލަށް އިމްރާން ހާނާއި ކަންގަނާ ރަނާވަތު ސޮއިކޮށްފި އެވެ.
މިއީ މި ދެ ތަރިން އެކުގައި އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
"ކައްޓީ ބައްޓީ" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ނިކިލް އަދްވާނީ އެވެ. އޭނާއަކީ 2003 ގެ ހިޓް ފިލްމް "ކަލް ހޯ ނަހޯ" ޑައިރެކްޓަރެވެ.
އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ "ކައްޓީ ބައްޓީ" ގެ މަސައްކަތް މި އަހަރުގެ ފަހުކޮޅި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމުގައި ދައްކުވައި ދޭނީ މި ޒަމާނުގެ ދެ ލޯބިވެރިއެއްގެ ހަޔާތުގައި ދިމާވާ އެކި ކަހަލަ ހާދިސާތަކެވެ. ފިލްމާ ދޭތެރޭ އިމްރާނާއި ކަންގަނާ ވެސް ހުރީ ވަރަށް އުފަލުންނެވެ.
އިމްރާން ބުނީ ކަންގަނާ އާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އަދި ކަންގަނާއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ހުނަރުވެރި އެއް ބަތަލާ ކަމަށް ވެސް އިމްރާން ބުންޏެވެ.
ޑައިރެކްޓަރު ނިކިލް އަދްވާނީ ވެސް ވަނީ ކަންގަނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
އަދި އޭނާގެ ފިލްމުން ބޮލީވުޑަށް އަނެއްކާ ވެސް ތާޒާ ޖޯޑެއް ގެނެސް ދެވޭތީ ހިތްހަމަޖެހިފައި ހުރި ކަމަށް ނިކިލް ބުންޏެވެ.
ނިކިލް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ "ޑީ ޑޭ" އެވެ.
އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާ ޝެޓީ އާއި އަދިތިޔާ ޕަންޗޯލީގެ ފިރިހެން ދަރިފުޅު ސޫރަޖް ޕަންޗޯލީ ބޮލީވުޑަށް ލޯންޗް ކުރާ ފިލްމް "ހީރޯ" ގަ އެވެ.
މި ފިލްމަކީ ޖެކީ ޝްރޮފްގެ ފުރަތަމަ ފިލްމް 1983 ގެ "ހީރޯ" ގެ ރިމެކިންއެކެވެ.