ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދަވައިފި އެވެ.
އޭނަ ނިސްބަތްވާ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮރެކްޓިކް (އެމްޓީޑީ) އިން ކުރި ޓްވީޓެއްގައި ބުނީ އިއްޔެގެ ވަގުތެއްގައި ސީރިއަސް އަލާސްކަންފުޅަކާއި ގުޅިގެން އަދީބު ހާއްސަ ޑޮކްޓަރެއްގެ ފަރުވާ ހޯއްދަވާފައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެ ނުދެ އެވެ.
އެމްޓީޑީގެ ރައީސް @Ahmed_Adeeb މިއަދުގެ ވަގުތެއްގައި ވަނީ ސީރިއަސް އަލާސްކަންފުޅަކާއި ގުޅިގެން ހާއްސަ ޑޮކްޓަރެއްގެ ފަރުވާ ހޯއްދަވާފައެވެ.
2015 އިން 2018 އަށް ބޭސްފަރުވާއިން މަހްރޫމުކޮށް އައިސޮލޭޝަން ޖަލެއްގައި 24 ގަޑިއިރު ތަޅުލައިގެން ދެވުނު އަނިޔާގައި ސިއްހީ އެތައްކަމެއް…
— Maldives Third-Way Democrats (@MTDSecretariat) May 4, 2023
އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މުގުލުގައި ހުރި އެކެކެވެ. އެ ހިޔާނާތް ހިންގާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުން ޔާމީނަށް ވެސް ބޮޑެތި މަންފާތަކެއް ލިބިވަޑައިގެންފައިވެ އެވެ. ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަކު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެ ވެ. އެހެންވެ، އޭނާއަށް ލުއި އަދަބެއް ދީ ގޭ ބަންދުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސް އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި ދެ މިލިއަން ރުފިޔާ ޖޫރިމަނާކުރި އެވެ. ދައުލަތުން އަދީބާ އެކު އިއުތިރާފު އެއްބަސްވުމެއް ވެސް ހަދައި އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސްފައިވެ އެވެ.